އަދަދެއް ނުހުއްޓުވޭނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުމުގައި އަދަދުގެ ޓީމުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ޖަލަށްލި ނޫސްވެރިން ޖަލުން ނުކުންނަނީ ގަލަން ހިފައިގެން ކަމަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ފިޔާޒު ވިދާޅުވީ އަދަދުގެ ދެ ނޫސްވެރިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުދުމުހުތާރު ވެރިކަމުގައި ޖަލަށްލީ ކަމަށެވެ. އެގޮތުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލީ ޚަބަރެއް ލިޔެގެން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި އަދި މި ފަހުން ގާނޫނުއަސާސީ އައި ފަހުން ޚަބަރެއް ލިޔެގެން ޖަލަށް ލީ ފުރަތަމަ ނޫސްވެރިޔާ ކަމަށެވެ. އަދި ރައީސް މުއިޒްއާ ސުވާލެއް ކޮށްގެން ޝަހުޒާނު ޖަލަށްލީ 15 ދުވަހަށް ކަމަށެވެ.  ފިޔާޒު ވިދާޅުވީ މި ދެ ނޫސްވެރިން ޖޫރިމަނާ ވެސް ކުރި ކަމަށާއި، ކޯޓަށް ހާޒިރުކޮށް ވަކީލެއްގެ ފުރުސަތު އަދި ދިފާއުވުމަށް ވެސް ފުރުޞަތު ނުދިން ކަމަށެވެ.

އެއީ މި އިންސާފަކަށް ވާނެތޯ؟ ރައީސް މުޢިއްޒު ވިދާޅުވަމުންދަނީ ތިމަންމަނިކުފާނު މިއީ މި ރާއްޖޭގައި ނެތްވަރުގެ ޢަދުލުވެރިއެކޭ. ދެން ރައީސް މުޢިއްޒު އާއި ޝަހުޒާނުކުރި ސުވާލަކީ އަޅުގަނޑުމެން މި ކުރަމުންދާ ސުވާލު. އެއީ ދަމު ނަމާދުކޮށްގެން ކާކާތޯ ގުޅީ؟ ކީއްވެގެންތޯ ގުޅީ؟ އެ ސުވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެއް ނޫންތޯ؟ ދަމު ނަމާދުކޮށްގެން 2 ޖަހާއިރުގައި ކާކާތޯ ގުޅީ؟ ހަމަ އޮވެދާނެ ރަނގަޅަށް އޮފީހުގެ މަސައްކަތެއް ވެސް ކުރަން ގުޅާފަ. އެހެންވީމާ، އަޅުގަނޑުމެން އަދަދު ޓީމުގެ ފަރާތުން އަދި އަޅުގަނޑުމެންގެ ނޫސް ޓީމުގެ މުޅި ފެމިލީގެ ފަރާތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެކަމަކު އަޅުގަނޑުމެންގެ ނޫސް އަދި ނޫސްވެރިކަން މަރާލުމަށްޓަކައި ރައީސް މުއިއްޒު ކުރާ މަސައްކަތެއް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. އެހެންވީމާ، މާދަމާ އަޅުގަނޑާ ޙަސަނާ އެބައޮތް މިތަނަށް ގެނައުން. އެއީ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު ވެސް ޖަލަށް ލާނެއޭ. ޙަސަން ވެސް ޖަލަށް ލާނެއޭ. އަދި ރައީސް މުޢިއްޒު ހިތެއް ހަމައެއް ނުޖެހެނެ.
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ

މީގެ ކުރިން ވެސް ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވާ އެންމެ ހަރުކަށި އަދަބު ދެއްވާނެއޭ ވިދާޅުވެފައި އޮތް ވާހަކައަށް އިޝާރާތް ކުރައްވާ ފިޔާޒް ވިދާޅވީ މިހާރު މި ފެންނަނީ އެކަންކަން ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ތިބީ ރައީސް މުއިއްޒުއާ އެއްކޮށް ނޫން ކަމަށާއި، ރައްޔިތުން ތިބީ އަދަދު ޓީމާއެއްކޮށް، ނޫސްވެރިންނާ އެއްކޮށް ކަމަށް ފިޔާޒު ވިދާޅުވި އެވެ. 

ފިޔާޒު ވިދާޅުވީ ރައީސް މުއިއްޒު ބުއްދި އިސްކުރައްވަން ޖެހޭ ކަމަށާއި، އެމަނިކުފާނު މާ ބޮޑަށް ރުޅިދުރުވާ ކަމަށެވެ. އަދި އަދުލުވެރިކަމުގެ އެއްވެސް މިންވަރެއް ރައީސް މުއިއްޒުގެ ނެތް އިރު، އޭނާގެ ޓީމުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އޭނާގެ ޓީމުން ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. އަދި 10 ދުވަސް ފަހުން ލީވާން ޖަލުން ނުކުމެ، 15 ދުވަސް ފަހުން ޝަހުޒާން ޖަލުން ނުކުމެ ދާނީ ގަދަކޮށް ކަމަށެވެ.

އަދި ދިވެހި ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ޖެހިލުމެއް ނެތި ކުރާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ބިރެއް ނުގަންނަ ކަމަށާއި، ޖަލުން ނިކުންނަ ދުވަހަކީ ގަލަން ހިފައިގެން ވެސް ނުކުންނަ ދުވަސް ކަމަށް ފިޔާޒު ވިދާޅުވި އެވެ.