އަދަދު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޝަހުޒާނާއި ލީވާން ކޯޓަށް ހާޒިރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް "ގެގް އޯޑަރ" ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރު ނެރެފައި އޮއްވާ އެ ވާހަކަ ދައްކާ ލިޔުނު ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ޝަހުޒާން އަށް ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި ހާޒިރު ކުރާ ކަމަށެވެ.
ޝަހުޒާން ހާޒިރުކުރުމުން ވަކީލަކު އައްޔަން ކުރުމަށް އެދުމުން އޭނާއަށް ދިނީ އެންމެ 2 ގަޑި އިރެވެ. އޭނާ ހާޒިރުކުރީ އަންގާރަ ދުވަހުގެ މެންދުރު 1 ޖެހި އިރު އެވެ.
މީގެ އިތުރުން ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުކުރަން ފޮނުވި އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އޭނާ ލިޔުނު "އަނގަ ބަންދުކުރާ" އަމުރުގެ ހަބަރާއި ގުޅިގެން އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރު ކުރީ އަންގާރަ ދުވަހުގެ 11 ޖެހި އިރު އެވެ. އޭނާ އަށް ވެސް ވަކީލަކު އައްޔަން ކުރަން ދިނީ އެންމެ 2 ގަޑި އިރެވެ.
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ.