ރ ވަންދޫ ވޭސްޓް މެނޭޖްމަންޓު ފެސިލިޓީގައި
މަސައްކަތް ކުރާ މުވައްޒަފަކު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ ނުފޫޒުން ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެކަމުގެ މައުލޫމާތު ހިއްސާ ކުރަމުން އެ
މުވައްޒަފު ރާއްޖެއެމްވީއަށް ކިޔައިދިނީ، މުވައްޒަފުންގެ އުސޫލުގެ ދަށުން ހުއްދަކުރާ
ގޮތަށް، އޭނާ ރ. ރަސްމާދޫ ކައުންސިލުކަމަށް ކުރިމަތިލީ ވެމްކޯގެ ވަޒީފާގައި ހުރެގެން
ކަމަށެވެ. އޭނާ ވާދަކުރީ އަމިއްލަ ގޮތުންނެވެ.
އެހިސާބުން ވެމްކޯއިން ވަނީ ސަސްޕެންޑްކުރި
ކަމުގެ ލިއުން މުވައްޒަފަށް ދީފައެވެ. އެއީ އާންމު އުސޫލުން ވެސް އެކަން އޮންނަ
ގޮތެވެ. އަދި އިންތިޚާބުން ނާކާމިޔާބުވެއްޖެނަމަ އެކަން ވެމްކޯގެ އެޗްއާރަށް
އެންގުމަށާއި، އޭރުން ކުރިން ހުރި މަޤާމަށް އަލުން ރުޖޫއަ ކުރެވޭނެކަމަށް ލިއުމުގައިވެއެވެ.
ވެމްކޯއިން އޭނާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ
ޤާނޫނުއަސާސީގައި ބަޔާންކުރާ އިންތިޚާބެއްގައި ވާދަކުރުމަށްޓަކައި ސިޔާސީ ޕާޓީއަކުން
ބާއްވާ ޕްރައިމަރީއެއްގައި ވާދަނުކުރާ މުވައްޒަފުން އިންތިޚާބުގައި ވާދަކުރާނަމަ،
އެ މުވައްޒަފު ސަސްޕެންޑު ކުރެވޭނީ އެ މުވައްޒަފުގެ ކެންޑިޑެސީ އިލެކްޝަންސް
ކޮމިޝަނުން ޤަބޫލުކުރާ ދުވަހުން ފެށިގެން އިންތިޚާބު ނިމި، ވަގުތީ ނަތީޖާ އީސީން
އިއުލާނު ކުރާ ދުވަހާ ހަމައަށްކަމަށް މުވައްޒަފުން ސިޔާސީ ކަންކަމުގައި ޙަރަކާތްތެރި
ވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ
ކަމަށެވެ.
އެހެންކަމުން 19 ޖެނުއަރީން ފެށިގެން އޭނާ
މުސާރަ ލިބޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެވިފައިވާ ކަމަށާއި،
އިންތިޚާބުން ބަލިވެއްޖެނަމަ އަނބުރާ މަސައްކަތަށް ނުކުމެވޭނީ އެކަން ބަޔާންކޮށް
ސިޓީއަކުން ހުށަހެޅުމުންކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް އޭގެ ފަހުން ވެމްކޯއިން ފާހަގަކޮށްފައިވާ
ގޮތަށް ސިޓީ ހުށަހެޅިނަމަވެސް، ވެމްކޯއިން އެ މުވައްޒަފު އަލުން ވަޒީފާއަށް ނެރެފައެއް
ނުވެއެވެ. އެހެންވެ ކަންވީ ގޮތް ސާފު ކުރުމަށް މުވައްޒަފު މަސައްކަތްކުރިނަމަވެސް،
މިއަދާހަމައަށްވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އޭނާ ކިޔާދިން ގޮތުގައި ވަޒީފާއިން ވަކިކުރިކަންވެސް
ނުވަތަ ނޫންކަންވެސް އަންގާފައެއް ނުވެއެވެ. އަދި ވަޒީފާއަށް ނުކުންނަށް ނޭނގިނަމަވެސް،
އޭނާ ހާޒިރުނުވާކަމަށް ދަނީ މާކް ކުރަމުންނެވެ.
އެ މައުލޫމާތު ސާފު ކުރުމަށް މުވައްޒަފު
ގުޅުމުން އެޗްއާރުން ބުނަމުންދަނީ އޭނާ ވަޒީފާއަށް ނުކުތުން "ހޯލްޑް"
ކޮށްފައިވާ ކަމަށެވެ. އަދި ހޯލްޑް ކޮށްފައިވަނީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ
އެންގުމަކަށް ކަމަށްވެސް އެޗްއާރުން ގެންދަނީ ބުނަމުންނެވެ. ނަމަވެސް މިހާރު މަހަކަށްވުރެ
ގިނަ ދުވަސްވެފައިވާތީ، އެކަމާ ގުޅިގެން އެ މުވައްޒަފު ވަނީ ކަންބޮޑުވުން
ފާޅުކޮށްފައެވެ.