ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ
ސައިޒް ކުޑަކޮށް، ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރައްވާނެކަމަށް ރައީސް ޑރ
މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، ދާދި ފަހުން އިންތިޚާބުން ނާކާމިޔާބުވި
އާއިޝަތު އަލައިކާ އަދުނާނަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމެއް ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލައިކާ އައްޔަނު ކުރައްވާފައިވަނީ ޓޫރިޒަމް
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށެވެ. އޭނާއަކީ ދާދި ފަހުން އަންހެނުންގެ
ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ވާދަކޮށް ރައްޔިތުން ނޫނެކޭ
ބުނެފައިވާ ފަރާތެއްކަން ފާހަގަކުރެވެއެވެ.

މި ސަރުކާރުން ގެންދަނީ އިންތިޚާބުތަކުން ބަލިވާ
ފަރާތްތަކާއި، ވަޒީރުކަމުން ވަކިކުރާ ފަރާތްތައްވެސް ސަރުކާރުގެ އެކިއެކި
މަޤާމުތަކަށް އައްޔަނު ކުރަމުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ
ސަރުކާރަށް ފާޑުކިޔަމުންނެވެ.

ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ
ގުޅުވައި ސަރުކާރުން އެކި ކަންކަމުގައި ބަހަނާތައް ދައްކަމުން ގެންދާއިރު، ސަރުކާރުގެ
ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރުން ނިމުމަކަށް ނާންނަކަމަށް ބުނެ އެތައް
ބަޔަކު ވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަމަށްވެސް
ބުނަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައިވެސް މިކަމާ ގުޅިގެން ގިނަ ބަޔަކު
ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.