މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މިއީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ އެސް ޖައިޝަންކަރްގެ ދަޢުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި އިންޑިއާއަށް އެތައް ފާޑުކިއުމެއް ކިޔަމުން އައި ނަމަވެސް، ވެރިކަމަށް އައުމަށްފަހު އިންޑިއާއާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައު ޚާރިޖީ ވަޒީރުވެސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އެކަމަނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. 

އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާނެއެވެ.