ގެދޮރުވެރިޔާ ފްލެޓުން ޝަރުތު ހަމަނުވާ
ފަރާތްތައް އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، ނަމަވެސް
މިހާތަނަށް އުނިވެފައި ވަނީ ކިހާ މީހުންނެއްކަން އަދިވެސް ސީދާ ދަންނަވަން
ދަތިކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގް މިނިސްޓަރ ޑރ އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިންވެސް މިނިސްޓަރާއި ސުވާލު އަމާޒު ކުރެވުނެވެ. އެގޮތުން މީގެ 3 މަސް ކުރިން ސަރުކާރުން ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު ކުރުމުން އޭރު މިނިސްޓަރ
ވިދާޅުވެފައި ވަނީ އެ އަދަދު ޗެކްކޮށްލައްވާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ނޫސްވެރިންގެ
ބައްދަލުވުމުގައި ރާއްޖެޓީވީން އެކަމާ ގުޅޭ އަދާހަމައާ ގުޅޭގޮތުން ސުވާލު ކުރުމުން
މިނިސްޓަރ ވިދާޅުވީ، އަދިވެސް އެއްކޮށް ނުނިމޭ ބައެއް ކޭސްތައް އެބަހުރި ކަމަށެވެ.
އެހެންކަމުން އަދިވެސް ސީދާ އަދަދު ދަންނަވަން ދަތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަ ނުވެގެން ލިސްޓުން
އުނިވީ މީހުންގެ އަދަދު ގާތްގަނޑަކަށް 460ށް އަރާނެކަމަށް ބެލެވޭކަމަށެވެ.

އެހެންނަމަ ވެސް ސީދާ އަދަދެއް ދެންނެވޭނީ
މިހާރު ނުނިމި ހުރި މަސައްކަތްތައް އެއްކޮށް ނިންމާލެވި، ކަށަވަރު ކުރަންޖެހޭ
ކަންކަން ކަށަވަރު ކުރެވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

އެއީ އަދިވެސް އެބަހުރި ބައެއް ކޭސްތައް އެއްކޮށް ނުނިމޭ، އެހެންނަމަވެސް އަޅުގަނޑު ހަނދާންވަނީ، ސީދާ ނަންބަރެއް ނޫން، 460 ކޮންމެވެސް ވަރެކޭ. މިދެންނެވި ގޮތަށް އެއްކޮށް މުޅިން އަދި ނުނިމޭތީ ބައެއް މަދު ކޭސްތަކެއް އަދިވެސް އެބަހުރި ފައިނަލް ނުކުރެވި،
ހައުސިންގް މިނިސްޓަރ ޑރ އަބްދުﷲ މުއްތޮލިބް

ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުން ޕޮއިންޓު
ލިބިފައިވާ އެއްވެސް ފަރާތެއް ލިސްޓުގައި ހިމެނިފައިނުވާނެކަމަށް ވެސް މިނިސްޓަރ
ވިދާޅުވިއެވެ.

އެހެންނަމަވެސް، ފްލެޓު ހުރި އަދަދަށްވުރެ
ގިނައިން ޝަރުތު ހަމަވާ މީހުން ތިބޭއިރު ކޮންމެވެސް ބަޔަކު ބާކީވެސް ވާނެކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.

ޝަރުތު ހަމަ ނުވެގެން ބަޔަކު ކެންސަލްވި ނަމަވެސް،
މި ސަރުކާރުން އެ ލިސްޓަށް ބަދަލެއް ނުގެންނާތީ އައު ލިސްޓެއް އިއުލާނު ކުރާކަށް
ނުޖެހޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.