ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަތުމަށް މަޖިލީހުން ފާސް ކޮށްފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަނެފައި ވަނީ 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 5 މެންބަރުންނެވެ. 

އެއާއެކު ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. 

ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސް ގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުން ކަމަށެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން، އެލްޖީއޭ ގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އެ އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށާއި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ އެލްޖީއޭގެ ބޯޑަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ އަކުރު އުނިކުރުމަށެވެ. އެ އިސްލާހުގައި ވަނީ އެލްޖީއޭގެ ބޯޑަށް އެ ބާރު ގެއްލުވާލައި އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅުމަށެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހާއެކު އެލްޖީއޭގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި އެ އޮތޯރިޓީ އަށް މުވައްޒަފުން އައްޔަނު ކުރުމާއި ވަކިކުރުމުގެ އިތުރުން މުވައްޒަފުންނާ ގުޅޭ އެ ނޫން ވެސް ކަންކަމުގައި ޒިންމާދާރުވެރިޔާގެ ދައުރު އަދާ ކުރަނީ އެ އޮތޯރިޓީގެ ސީއީއޯ އެވެ. 

އޭގެ އިތުރުން އެ އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކާއި އެ މަގާމުތަކުގެ ގިންތިއާއި ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރާ މުވައްޒަފުންގެ މަގާމުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު އޮންނާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯ އަށް ކަމަށާ އެ އޮނިގަނޑު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސް ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އިސްލާހުގައި ބުނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ އެންމެ މަތީ އިދާރާއަކީ އެލްޖީއޭ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމާއެކު އަތޮޅު ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުން ވެސް މަތި ކޮށްފައި ވަނީ އެ އޮތޯރިޓީ އާ އެވެ. 

އެލްޖީއޭގެ މިނިވަންކަން ނަގާލައި، އޮތޯރިޓީގެ ބޯޑުގެ ބާރު ގެއްލުވާލާ، މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.