ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.  

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. 

ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސް ގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުން ކަމަށެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން، އެލްޖީއޭ ގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އެ އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށާއި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ އެލްޖީއޭގެ ބޯޑަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ އަކުރު އުނިކުރުމަށެވެ. އެ އިސްލާހުގައި ވަނީ އެލްޖީއޭގެ ބޯޑަށް އެ ބާރު ގެއްލުވާލައި އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅުމަށެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހާ އެކު އެލްޖީއޭގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި އެ އޮތޯރިޓީ އަށް މުވައްޒަފުން އައްޔަނު ކުރުމާއި ވަކިކުރުމުގެ އިތުރުން މުވައްޒަފުންނާ ގުޅޭ އެ ނޫން ވެސް ކަންކަމުގައި ޒިންމާދާރުވެރިޔާގެ ދައުރު އަދާ ކުރަނީ އެ އޮތޯރިޓީގެ ސީއީއޯ އެވެ. 

އޭގެ އިތުރުން އެ އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކާއި އެ މަގާމުތަކުގެ ގިންތިއާއި ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރާ މުވައްޒަފުންގެ މަގާމުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު އޮންނާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯ އަށް ކަމަށާއި އެ އޮނިގަނޑު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސް ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އިސްލާހުގައި ބުނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ އެންމެ މަތީ އިދާރާއަކީ އެލްޖީއޭ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމާއެކު އަތޮޅު ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ އެންމެހައި ހިދުމަތްތައް ފޯރުކޮށްދިނުން ވެސް މަތި ކޮށްފައި ވަނީ އެ އޮތޯރިޓީ އާ އެވެ. 

އެލްޖީއޭގެ މިނިވަންކަން ނަގާލައި، އޮތޯރިޓީގެ ބޯޑުގެ ބާރު ގެއްލުވާލައި، މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.