އަދަދު ނޫހަށް ލިބިފައިވާ މައުލޫމަތަކަށް ބިނާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓޫގެ އަމުރާއި ހިލާފުވެއްޖެ ކަމަށް ރައީސް މުއިއްޒު ކަނޑައެޅުއްވުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން ޝަހުޒާން އަށް ފޮނުވި ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މި މައްސަލައިގެ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ހާޒިރުވާން ވަނީ އަންގާފަ އެވެ.
ޝަހުޒާން ހާޒިރުވާން އަންގާފައިވަނީ 12 މެއި ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 އަށް ކްރިމިނަލް ކޯޓަށެވެ.
މީގެ އިތުުރުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ކޯޓަށް ހާޒިރުވާން އަންގާފައިވެ އެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީވާން ހާޒިރުކުރަނީ އޭނާ ލިޔުނު "އަނގަ ބަންދުކުރާ" އަމުރުގެ ހަބަރާއި ގުޅިގެން އެ ހަބަރަކީ، ކޯޓުގެ ނެރެފައިވާ ގެގް އޯޑަރާ ހިލާފު ހަބަރެއްތޯ ބެލުމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން ޖެހެނީ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށެވެ.
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ.