ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. 

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވީ  އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކުރުމާއި ގުޅިގެންނެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ. 

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންވެގެންވާ ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތް ހިންގުމުގެ ޢާލަމީ މަބްދައަކީ ޖިނާއީ އިޖްރާއާތުގައި އިސްތިޤުރާރުވެފައިވާ އަޞްލީ ޤާޢިދާއަކަށް ވާއިރު، އިސްތިޘްނާއީ ގޮތަކަށް މި ދުސްތޫރީ އަޞްލީ ޤާޢިދާއަށް ޢަމަލުކުރުން ޤައިދުކޮށް، ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތިން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ޙުދޫދުގެ ތެރޭގައި، އެ ސަބަބުތަކުން ޙާޞިލުކުރަން ބޭނުންވާ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް އެކަންޏެވެ.

އެހެންކަމުން، އިސްތިޘްނާއާ ގުޅިގެން ޖިނާއީ ޝަރީޢަތްތަކާއި ޖިނާއީ ތަޙުޤީޤުތަކަށް ހުށަހެޅޭ ބަޔާންތަކާއި، އޭގައި ދެކެވޭ ވާހަކަތަށް ޢާންމު ނުކުރުމަށް ނުވަތަ ޝާއިޢު ނުކުރުމަށް އަންގައި ނެރޭ ކޯޓު އަމުރަކީ ނުވަތަ "ގޭގް އޯޑަރ" އަކީ ވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން މުޠުލަޤު ސިފައެއްގައި ޤައިދުކޮށް ނިގުޅައިގަނެވޭނޭ އަމުރަކަށް ވަންޏާ، އެ ވާނީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފު އަމުރަކަށެވެ.