ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުޞޫލެއްގޮތުގައި ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރެފައި ނިއުސް ލެޓަރ އެއްގައި ބުނެފި އެވެ. 

"ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން އަނގަ ބަންދުކުރުވުން" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމުގައި  ބުނެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެ އެވެ. މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 7 ވަނަ ޢަދަދުގައި ލިޔެފައިވާ ލިޔުމަށް ރިއާޔަތްކޮށް ޝަމީމް ވިދާޅުވީ މި ފަހަކަށް އައިސް ބައެއް ކޯޓުތަކުން ގެންދަނީ ޖިނާއީ މައްސަލަތަކުގައި ދަޢުވާލިބޭ މީހުންނަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، ކުށް ސާބިތުނުވަނީސް މައުސޫމެއްކަމަށް ބެލުމުގެ ޙައްޤާ ފުށޫއަރާގޮތަށް ޚިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކުރަމުންނެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުޞޫލެއްގޮތުގައި ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫނެވެ. މިފަދަ އަމުރެއް އެންމެ ފުރަތަމަ ނެރުއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް މުޙައްމަދު އަމީންގެ މައްސަލައިގައި 30 ސެޕްޓެންބަރު 2021 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުންނެވެ. ސުޕްރީމް ކޯޓުގެ އެ އަމުރަށް ރިޢާޔަތްކޮށް އޭގެފަހުން އެހެން ކޯޓުތަކުންވެސް މިފަދަ އަމުރުތައް ނެރެމުންދެ އެވެ.

ރާއްޖޭގެ ޤާނޫނުގައި "އަނގަ ބަންދުކުރުމުގެ" އަމުރު ނުވަތަ "gag order" ނެރެވޭނެ އުޞޫލެއް ނެތްނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގެ ނިޒާމު އޮންނަ ގޮތުން މިފަދަ އަމުރުތައް ނެރެވެ އެވެ. އެ ޤައުމުތަކާ ރާއްޖެއާ ތަފާތަކީ، ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި، ނިޔާ ކަނޑައަޅަނީ ފަނޑިޔާރުންނެވެ. އެ ގައުމުތަކުގައި ޖިނާއީ މައްސަލަތައް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅަނީ ޢާންމުންގެ ތެރެއިން އެ މައްސަލައަކަށް ހޮވާލެވޭ ބައެކެވެ. ޖޫރީންނެވެ. ޖޫރީން ބޭނުންކުރަނީ ހެކިތަކަށް ބަލައި ޢާންމު މީހެއްގެ ނަޒަރުން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ. ޖޫރީންނަކީ ފަނޑިޔާރުކަމުގެ އެއްވެސް ތަމްރީނެއް ނެތް ޢާންމުންގެ މީހުންނެވެ. އެމީހުން ހެކިތަކަށް ބަލަނީވެސް ޢާންމު މީހެއްގެ ނަޒަރުންނެވެ.

ޖޫރީން ހިމެނޭ ޝަރީޢަތްތަކުގައި މިފަދަ އަމުރު ނެރެނީ، ޖޫރީންގެ ބެންޗް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ މަޢުލޫމާތު މުޖުތަމައުގައި ޢާންމުވެ، ތުހުމަތުކުރެވޭ މީހާއާ މެދު މުޖުތަމަޢުގައި ވަކި ތަސައްވުރެއް އުފެދިއްޖެނަމަ، ޖޫރީން ހޮވުމަށްޓަކައި ބަލާއިރު ޖޫރީ ޕޫލް ތަޣައްޔަރުވެ، ވަކި ފަރާތަކަށް ނުޖެހޭ ޖޫރީން ހޯދުމަށް ހުރަސް އެޅިދާނެތީއެވެ. އެހެންކަމުން އެހެން ޤައުމުތަކުގައި ނެރޭ "އަނގަ ބަންދުކުރުމުގެ އަމުރު" ގުޅެނީ ދަޢުވާލިބޭ މީހާއަށް ލިބޭ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާ އެވެ. ދިވެހިރާއްޖޭގެ ނިޒާމު އޮންނަގޮތުން މުޖުތަމައުގެ ތެރޭގައި، ތުހުމަތުކުރެވޭ މީހާއާމެދު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް އުނިކަމެއް ނާންނާނެ އެވެ. ސަބަބަކީ ޖޫރިންނާ ޚިލާފަށް ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެ ކަންކަން ނިންމުމަށް ޤާނޫނީ ގޮތުން ތަމްރީނާއި އިނާޔަތް ދީފައިވާ މުސްތަޤިއްލު ބައެއްކަމަށްވާތީ އެވެ. ފަނޑިޔާރުންނަށް ލިބޭ ޤާނޫނީ ރައްކާތެރިކަމާއި، އެ ރައްކާތެރިކަމުގެ ސަބަބުން ދަޢުވާލިބޭ މީހުންނަށް، އިންޞާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަކީ ސީދާ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ދެ ޙައްޤެވެ. އެކަމަށް ޖަދަލުކުރާ، ސުވާލު އުފައްދާ މީހަކުވެސް ނެތެވެ.

އެމެރިކާ ސުޕްރީމް ކޯޓުގެ ނެބްރާސްކާ އެސޯސިއޭޝަން ވ. ސްޓުއަރޓް މައްސަލައިގައި މިފަދަ އަމުރެއް ނެރުމުގެ ކުރިން ޝަރީޢަތުން ރިޢާޔަތްކުރަންވީ ކަންކަން ބަޔާންކޮށްފައިވެ އެވެ.

  • މައްސަލައިގެ މަޢުލޫމާތު އިންތިހާއަށް ހާމަވެފައިވުމުގެ ސަބަބުން، ކޯޓުން މިފަދަ އަމުރެއް ނުނެރެ މުއްތަހަމަށް ލިބިދީފައިވާ އިންސާފުވެރި ޝަރީޢަތެއް އަދި ވަކި ފަރާތަކަށް ނުޖެހޭ ޖޫރީއަކުން މައްސަލަ ބެލުމުގެ ޙައްޤަށް އުނިކަން އަންނާނެކަމަށް ބެލެވުން.

  • މައްސަލައާ ގުޅޭ މަޢުލޫމާތު ހާމަނުކުރުމަށް އަމުރުކުރުމުގެ ބަދަލުގައި އެނޫން ފިޔަވަޅުތަކެއް އަޅައިގެން މުއްތަހަމަށް ލިބިދީފައިވާ އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ޙިމާޔަތްކުރެވޭނެތޯ ބެލުން.
  • އަދި، ފުރަތަމަ ދެ ޝަރުޠު ފުރިހަމަވިނަމަވެސް، މި ފަދަ އަމުރެއް ނެރުމަށް ހުއްދަކުރެވޭނީ، ވަކިގޮތަކަށް އަމަލުނުކުރުމަށް ނެރޭ އަމުރުގެ ސަބަބުން ޝަރީއަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ގެއްލުން (މުއްތަހަމަށް އިންސާފުވެރިނޫން ޝަރީޢަތެއް ކުރިމަތިވުން) ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއްކަން ކަށަވަރުކުރުމަށްފަހު.

ދިވެހިރާއްޖޭގެ ކޯޓުތަކަކީ މުސްތަޤިއްލު ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނެ ކޯޓުތަކެއްކަން ކަށަވަރުކުރާނޭ ނިޒާމެއް އެބަ އޮތެވެ. އެއީ ޤާނޫނީ ފަންނު އެނގޭ ފަނޑިޔާރަކު މައްސަލަތަކުގައި ގޮތް ނިންމުމެވެ. މީސް މީޑިއާގައި ނުވަތަ ނޫހެއްގައި ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ވާހަކައަކުން ފަނޑިޔާރު ނިންމަވާ ނިންމެވުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުވެ އެވެ. ފަނޑިޔާރުންނާއި ދައުވާލިބޭ މީހުންނަށް ލިބޭ މިދެންނެވި ރައްކާތެރިކަމަކީ ޤާނޫނުއަސާސީގައި ކަނޑާ ނަގައި، ރައްކާތެރިކޮށްދީފައިވާ ޙައްޤުތަކެކެވެ. ވީމާ، އެހެން ޤައުމުތަކުގައި މިފަދަ އަމުރުތައް ނެރުމަށް އޮތް ޟަރޫރަތްތެރިކަމެއް ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ.