ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އެ އޮފީހުގެ އެމްއެންޑީއެފް ސެކިއުރިޓީން ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީން ޗެކްކުރަން އުޅުނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނެވެ. އޭނާގެ ފޯނު ޗެކްކުރަން އުޅުނީ ހޯމަ ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދުގެ ނޫސްވެރިޔާ ޝަހުޒާން ބޭރުކުރަން އުޅުމުން އެތަން ވީޑިއޯ ކުރިކަމަށް ބުނެ އެވެ. މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެ އެވެ.

މީގެ ކުރިން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ފޯނު ވެއްދުން ވެސް މަނާކުރި އެވެ. ނަމަވެސް ފަހުން އެކަން އުވާލި އެވެ. މި ވެރިކަން އައި ފަހުން ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހަރުކަށި އުސޫލުތައް ގެންގުޅެ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މުންދު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާއްސަ ގަވާއިދެއް އޮންނަ ކަމަށާއި އެ ގަވާއިދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މިދިޔަ މާޗު ތިރީސް އެކެއްގައި ރައީސް އޮފީހުން ވަނީ ނެރެފަ އެވެ. މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިނގާ އެހެނިހެން ކަންކަން އާންމުންނާ ހަމައަށް ގޮސްދާނެތީ ހަދާފައިވާ ހަރުކަށި އުސޫލެކެވެ.

އެ އުސޫލުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، އޯޑިއޯ ރިކޯޑުކުރުމަށް މޯބައިލް ފޯނު ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި މޯބައިލް ފޯނު ބޭނުންކުރެވޭނީ ހަމައެކަނި ނަން ނޯޓުކުރުމަށް ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

މި އުސޫލުތައް ތަންފީޒުކުރުމުގައި ރައީސް އޮފީހުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ނޫސްވެރިން ފާހަގަކުރެ އެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހަބަރު ފަތުރާ މިނިވަންކަމަށް އޮތް ހުރަހެއްކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ބެހޭ މައުލޫމާތު އާންމުންނާ ހަމައަށް ގެންދިއުމަށް ނޫސްވެރިންނަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި ބައްދަލުވުންތަކުގައި ހުރަސްތައް ކުރިމަތިވުމަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ބޮޑެތި ގައުމުތަކުގައި މިގޮތަށް އަމަލު ނުކުރި ނަމަވެސް، ވެރިކަމުގެ އާރާއި ބާރުގައި އަދި ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާ ހުދުމުހުތާރު ވެރިން ވަނީ މިފަދަ ކަންކަން ތަންފީޒު ކުރަން ފަށާފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން، ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިން ސްމާޓްފޯން ވެއްދުން މަނާކޮށްފައިވާކަން ނޫސްވެރިންނަށް ވަނީ އަންގާފަ އެވެ. ނޫސްވެރިންގެ އިހުތިޖާޖުތަކާ ގުޅިގެން ވަގުތީ ގޮތުން ފޯނު ވެއްދުމުގެ ހުއްދަ ކުރިން ދިން ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް އޮފިޝަލުން ވަނީ އިއުލާން ކޮށްފަ އެވެ. 

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގެ ރިޕޯޓްތައް ބުނާގޮތުން، އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއިގެ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ އެކްރެޑިޓޭޝަން ބާތިލްކޮށް، ރިޔާސީ ގަނޑުވަރު "ކާސާ ރޮސާޑާ" އަށް ނޫސްވެރިން ވަނުން ހުއްޓުވާފަ އެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ނޫސްވެރިންނަށް ހުރަސްތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ކުރިން އެޕޮއިންޓްމަންޓެއް ނުހަދައި ވައިޓް ހައުސްގެ "އަޕަރ ޕްރެސް" ސަރަހައްދަށް ނޫސްވެރިން ވަނުން މަނާކޮށްފައިވެ އެވެ. މި ފިޔަވަޅު އެޅީ ނޫސްވެރިން ސިއްރުން ވީޑިއޯ އާއި އޯޑިއޯ ރެކޯޑް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން އެރިޓްރިއާ އަދި އުތުރު ކޮރެއާ ފަދަ ގައުމުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ހަނިކޮށްފައިވާ ގައުމުތަކެވެ. މި ގައުމުތަކުގައި ނޫސްވެރިން އަމިއްލައަށް އެއްވެސް އެއްޗެއް ރެކޯޑްކުރުމަކީ މަނާކަމެކެވެ.