ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އަދުލުއިންސާފުގެ ބާރަކީ މުޅިން ވަކިން އޮންނަ ބާރެއް ކަމަށާއި، މި ބާރުގެ ތެރެއަށް ރައީސްގެ އެއްވެސް ރޯލެއް އޮވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ކަމަށާއި، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެކަން ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދުލްއިންސާފުގެ ބާރަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ދެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ކަމަށާއި، މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ އަދުލްއިންސާފުގެ ބާރުގެ ތެރޭގައި ރައީސްގެ އެއްވެސް ރޯލެއް އޮވެގެން ނުވާނެ ކަމަށާއި، މިކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އަދި ޖޭއެސްސީ އަށް މިނިވަން މެންބަރުން އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޖޭއެސްސީ މި އޮންނަނީ. އެއީ ސިޔާސީ މީހުން އެތިބި. ޖޭއެސްސީގައި ސިޔާސީ މީހުން. އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަކީ މުޅިން ވަކި އޮތް ބާރެއް. ގާނޫނުއަސާސީ ކަނޑައެޅިފައި އޮތީ. މި ތިން ބާރުގެ ތެރެއިން. އެހެންކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ރޯލެއް އަދުލުއިންސާފު އެ ބާރުގެ ތެރެއަށް އެއްވެސް ގޮތަކަށް ވަންނަން އޮންނާކަށް ނުޖެހޭނުންތޯ. ޖޭއެސްސީގެ އެ ފޯމޭޝަން ބަދަލުކުރަން އެބަޖެހޭ. އިންޑިޕެންޑެންޓް ބަޔަކު އަންނަން އެބަޖެހޭ. މަޖިލީހުގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކުން ވެސް އައްޔަން ކުރެވެންވީ، އާއްމުންގެ ތެރެއިން އެކަމަށް އެކަށޭނަ ވަކި ޝަރުތުތަކެއް އޮވޭ ތެދެއްތޯ. އެކަމަށް އެކަށޭނަ ރަނގަޅު ބަޔަކު އަންނަން އެބަޖެހޭ. އެއްގޮތަކަށްވެސް މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަން ރައީސާއި، އެޓަރނީ ޖެނެރަލާ، އެހެންގޮސްފައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންނާ، ކިހިނެއްތޯ ރައްޔިތުން ގަބޫލުކުރާނީ؟
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އަދުލްއިންސާފަކީ ވަކި މީހަކަށް އޮންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އަދުވެރިކަން ގައުމުގައި ގާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިފަދަ ބަދަލުތައް މިސަރުކާރަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ގިނަ ރައްޔިތުން ބަލައިގަންނަ މެންބަރުން އަންނަން ޖެހޭ ކަމަށެވެ.

މިހާރު މަޖިލިސް މި އޮތް ގޮތުން ގެންނަން ބޭނުންކަމަށްވަންޏާ ސަރުކާރުން މިހާރު ކަންތައް ކުރެވޭނެ. ރައްޔިތުންގެ މަޖިލީހުގެ އަދަދު އަޅުގަނޑު ގަބޫލުކުރަނީ ހަމަ 60 ހަކަށް މެންބަރުންނަށް ނޫނީ ޕާޓީތަކުގައި މަޝްވަރާއެކު އެ އެއްބަސްވެ އަދަދަކަށް މަދުކުރަން އެބަޖެހޭ. އެއާއެކު މުޅި އަތޮޅުން ވޯޓުލައިގެން ކުރީގައި އޮންނަ ގޮތަށް އެބަޖެހޭ މެންބަރުން ހޮވަން. އޭރުން އަޅުގަނޑުމެންނަށް ލިބޭނެ މާ ގާބިލު މެންބަރުން އެނގޭތޯ. އަދި ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހެނީ ވީހާވެސް ބޮޑަށް ރައްޔިތުން ބަލައިގަންނަ މީހުން އަންނަންޖެހެނީ. އެހެންވީމާ، އެ ފުރުސަތު ވެސް ވަރަށް ބޮޑަށް ބޮޑުވެގެން އެބަދޭ. މިގޮތަށް ގިނަ ބަޔަކު ވޯޓުލައިގެން ހޮވާނީ ރަނގަޅު މީހުން ތެދެއްތޯ. މިހާރު މި އޮންނަ ގޮތުން 300 އެއްހާ ވޯޓުން ވެސް ރައްޔިތުން ތަމްސީލުކުރުމަށްޓަކައި މެންބަރަކު ހޮވިދާނެ އެ ދާއިރާތަކަށް ގިނަ މީހުން ލައިފި ކަމަށް ވަންޏާ. އެހެންވީމާ އެ ބަދަލު އަޅުގަނޑަށް ހީވަނީ މިހާރު މި އެބައޮތް ނޫންތޯ، މިހާރުގެ ވެރިކަން ކުރާ ޕާޓީއަށް އެ ބަދަލުތައް، އެ އިސްލާހުތައް ގެނެވެން އެބައޮތް މަޖިލީހުގެ ތެރެއިން. އެހެންކަމަށްވަންޏާ، ހަމަ އެކަން ކުރަންވީނޫންތޯ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

މީގެ އިތުރުން ހާގީގީ މާނައިގައި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ގައުމުގެ ހުރިހާ ކަމެއް ކުރިއަށްދާނަމަ މައްސަލަތަކަށް ހައްލު ލިބި ގައުމަށް ހަމަޖެހުން ލިބޭނެކަން ފައިސަލް ފާހަގަކުރެއްވި އެވެ.