ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށްޓަކައި ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެމަނިކުވާނު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތައް އަލުން ބާއްވަވާނެ ކަމަށެވެ.

މި ބައްދަލުވުންތައް ބާއްވަވާނީ ހަފުތާއަކު 1 ދުވަހު ނުވަތަ އެއަށްވުރެ ވެސް އަވަހަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން. އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް ޕްރޮފެޝަންތަކާ ވަކިވަކިން ބައްދަލުކުރަން ނިންމާފަައިވޭ،
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު ވިދާޅުވީ ބޭނުންފުޅު ވަނީ ރައްޔިތުންނާ ގާތުން، މަސައްކަތްކުރާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެކަން ވަރަށް ބޮޑު ބާރަކަށް ވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. 

ފާއިތުވި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވަނީ  ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ. ދެ ވަނަ ބައްދަލުވުން އޮތީ މައްޗަންގޮޅީގަ އެވެ. ތިން ވަނަ ބައްދަލުވުން މާފަންނުގައި އޮތްއިރު، ހަތަރު ވަނަ ބައްދަލުވުން އޮތީ ހެންވޭރުގަ އެވެ. އެފަހުން ހުޅުމާލެ ފޭސް 1 އަދި 2 ގައި ވެސް އެ ބައްދަލުވުންތައް އެމަނިކުފާނު ބޭއްވެވި އެވެ. 

މި ހުރިހާ ބައްދަލުވުމެއްގައި ގިނަ އަދަދެއްގެ ރައްޔިތު ވަނީ ރައީސް މުއިއްޒު އާއި ސަރުކާރުގެ ނާގާބިލުކަން ފާހަގަކޮށް ފާޑުކިޔާފައިވެ އެވެ. ވައުދު ނުފުއްދާތީ އާއީ މާލީ ހާލަތު ދައްވަމުން ދާތީ އެ ކަންބޮޑުވުންތައް ރައްޔިތުން ވަނީ ހުރިހާ ބައްދަލުވުމެއްގައި ވެސް ފާހަގަކޮށްފަ އެވެ. ބައްދަލުވުންތަކުގައި ރައްޔިތުން އެތައް ބައިވަރު ސުވާލެއް ކުރި ނަމަވެސް ގިނަ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ބައްދަލުވުންތަކަށް ދިޔަ މީހުން ވަނީ ބުނެފަ އެވެ. 

ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ގޮތުގައި މި ބައްދަލުވުންތަކުގައި އެމަނިކުފާނު "އެޓެންޑް" ވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް މިހާތަނަށް ބައްލަވާފައެއް ނުވެ އެވެ.