އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު ކޯޓު އަމުރާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަން ފާހަގަކޮށްފަ އެވެ. މިކަމުގެ ސަބަބުން  ޚާއްސަކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި، ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް މި ރާއްޖެ ދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ، އެކަމާ މެދު ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލު ކޮށްފައިވެ އެވެ. 

މި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ، އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް، އަމުރު ނެރުނީ ކޯޓުން ކަމަށާއި، އެ އަމުރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން އެއީ ޝަރުއީ ދާއިރާއިން ކުރާ މަސައްކަތެއް ކަމަށާއި، މިއީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، މި ގައުމުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ތަން މިނަށް ފުޅާ ކަމަށެވެ. ނަމަވެސް ނޫސްވެރިކަމުގެ ފާހެއް އެޅުވުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސެންސެއް ނޫން ކަމަށާއި، މުސްލިމަކަށް ވީތީ ވެސް އޮތް ލައިސެންސެއް ނޫން ކަމަށެވެ. އެއްވެސް މީހެއްގެ އަބުރަކަށް އަރައި ނުގަނެވޭނެ ކަމަށާއި، ކޯޓު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ވިދާޅުވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑަކީ ހިއެއްނުވޭ މި ގައުމަށްވުރެ ބޮޑަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ގައުމެއް އޮންނާނެ ހެން ވެސް. އެހެން ނަމަވެސް މި ގައުމުގެ ހަގީގަތަކީ، މި ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގެ ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ، މި ސަރުކާރުން އަބަދުވެސް ރޫލް އޮފް ލޯ ހިފަހައްޓާނެ. ގާނޫނުއަސާސީގައި، ކަނޑައެޅިފައި އޮންނަ އިންތަކާއި މިންތަކުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރަންޖެހޭނެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާކޮށްފައި ހުރިކަން ކަމެއް ނުކުރެވޭނެ. ގާނޫނުއަސާސީއާ ޚިލާފު ކަންކަމެއް ނުކުރެވޭ. އެއްވެސް ފަރާތަކަށް ލިބިފައި އޮތް ހައްގެއް ނޫން އެއީކީއެއް. ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ، ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިސަންސެއް ނޫން. އެހެންވީމާ، އެ ލައިސަންސެއް ހިއެއްނުވޭ، މި އެއްވެސް ފަރާތަކަށް އޮތްހެންނެއް. މުސްލިމަކަށް ވީތޯ އޮތް ލައިސަންސެއް ނޫން، އެއީކީ އެއްވެސް މީހެއްގެ އަބުރަކާ ރަނގަޅެއް ނުގަނެވޭނެ. އެހެންވީމާ، އެއީ ޖެނެރަލް ޖަވާބެއް. ސީދާ ސުވާލުގައި، އެއީ ގެ ގޯލްޑަރއަށް އޮތް ކަމެއް ވީމަ، އެއަކަށެއް އަޅުގަނޑަކަށް ނުދެވޭނެ. އަދި ހިތުން އެއްވެސް ރައްޔިތަކު އެއަކަށް އެއްޗެއް ވިދާޅުވެގެން ނުވާނެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މި ޑޮކިއުމެންޓްރީއާ ސީދާ ގުޅޭ ސުވާލެއް ކުރި އަދަދުގެ ނޫސްވެރިޔާ ކޯޓުއަމުރާ ޚިލާފުވި ކަމަށް ރައީސް މުއިއްޒު ކަނޑައަޅުއްވައި، ދާޚިލީ ވަޒީރުގެ ހާޒިރުގައި ނޫސްވެރިންގެ ބައްދަލުވުމުން ވެސް ވަނީ ނެރެލާފަ އެވެ.