ރައީސް އޮފީހުގެ ބައްދަލުވުމުގައި ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފުވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވިއިރު ނޫސްވެރިޔާ ކޯޓު އަމުރާ ޚިލާފުވި ކަން ނިންމާނީ ކޯޓުން ކަމަށް އެމަނިކުފާނުގެ ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ވަނީ އައިޝާ ޑޮކިއުމަންޓްރީގައި އަންހެން މީހާ ކޮށްފައިވާ ތުހުމަތުތަކަށް ރައީސް އިންކާރު ކުރައްވާފައިވާއިރު، ދަންވަރުގެ ވަގުތުތަކުގައާއި ނުގަޑިތަކުގައި ރައީސް އެ މުވައްޒަފަށް ގުޅާފައިވަނީ ކޮން ކަމަކުތޯ ސުވާލުކޮށްފަ އެވެ. ޝަހުޒާން ވަނީ އަދަދު ނޫހަށް ލިބިފައިވާ ކޯލް ލޮގްތަކުގެ ތަފްސީލުވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ނޫސްވެރިޔާ މިހާރު ކޯޓު އަމުރާ ޚިލާފުވެފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުން ނުކުތުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އެއާއެކު ރައީސް އޮފީހުގެ ސެކިއުރިޓީ އިން ވަނީ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ. އޭރު ދާޚިލީ ވަޒީރު އަލީ އިޙުސާންވެސް ސެކިއުރިޓީންނާއެކު ހުންނަވާ މަންޒަރު ލައިވް ފީޑުން ފެނެ އެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ބޭރުގައި ހުންވާ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މީހަކު ނުވަތަ ބަޔަކު ކޯޓު އަމުރަކާ ޚިލާފު ވެއްޖެ ކަމަށް ކަނޑައެޅުމަކީ ކޯޓުން ކުރާ ކަމެއް ކަމަށެވެ. އަދި އެކަން ކުރާނީ ކޯޓުން ކަމަށެވެ.
ކޯޓުން ކޮށްފަ އޮތް އަމުރެއް އަޅުގަނޑުގެ ބެލުމުގެ ދަށުގަ އޮތް ތަނެއްގައި، އެ ތަނެއްގައި ގާނޫނާ ޚިލާފު ކަމެއް ހިނގާހެން އަޅުގަނޑަށް ހީވަންޏާ، އަޅުގަނޑު އެކަމެއް ހުއްޓުވާނަން. ކޯޓުން ނިންމަވާނީ އެއީ ގޯހެއް ތޯ ނޫން ތޯ. އެ މައްސަލައިގަ އެވާހަކަ ދައްކާ ކަމަށް ވަންޏާ އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެއީ ކޯޓު އަމުރާ ޚިލާފުވުން. އެކަމު އެކަން ޑިސައިޑް ކުރާނީ ކޯޓުން. އެކަން ކުރަންޖެހޭނީ ކޯޓުން. އެ ޑިޒިޝަން ނަގާނީ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދާޚިލީ ވަޒީރު އަލީ އިހުސާން
ޝަހުޒާން ވަނީ ކޯޓު އަމުރަކާ ޚިލާފުވެފައި ކަމަށް ރައީސް ކަނޑައެޅުއްވި ނަމަވެސް ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއްކަން ފާހަގަ ކުރެވެ އެވެ.