ރައީސް
އޮފީހުގެ ބައްދަލުވުމުގައި ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ ކްރިމިނަލް ކޯޓުގެ
އަމުރާ ޚިލާފުވެފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ހޯމަ
ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު
ޝަހުޒާން ވަނީ އައިޝާ ޑޮކިއުމަންޓްރީގައި އަންހެން މީހާ ކޮށްފައިވާ ތުހުމަތުތަކަށް
ރައީސް އިންކާރު ކުރައްވާފައިވާއިރު، ދަންވަރުގެ ވަގުތުތަކުގައާއި ނުގަޑިތަކުގައި
ރައީސް އެ މުވައްޒަފަށް ގުޅާފައިވަނީ ކޮން ކަމަކުތޯ ސުވާލުކޮށްފަ އެވެ. ޝަހުޒާން ވަނީ
އަދަދު ނޫހަށް ލިބިފައިވާ ކޯލް ލޮގްތަކުގެ ތަފްސީލުވެސް މި ނޫސްވެރިންގެ
ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ.
އެ
ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ނޫސްވެރިޔާ މިހާރު ކޯޓު އަމުރާ
ޚިލާފުވެފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުން ނުކުތުމަށް ރައީސް
ވަނީ އަންގަވާފަ އެވެ. އެހިސާބުން ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ޝަހުޒާން
ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލާފައެވެ. އޭރު ދާޚިލީ ވަޒީރު އަލީ
އިޙުސާންވެސް ސެކިއުރިޓީންނާއެކު ހުންނަ މަންޒަރު ލައިވް ފީޑުން ފެނެއެވެ.
ރައީސް
އެހެން ވިދާޅުވިނަމަވެސް، ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ޙުރުމަތް
ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު
އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއްކަން ފާހަގަ ކުރެވެއެވެ.