ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މީޑިއާތަކަށް އަންގައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ އެ ކޮމިޝަނުން މީޑިއާތަކަށް އެންގި އެންގުމެއްގައި ބުނެފައި ވަނީ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގާ ކަމަށެވެ.
"އައިޝާ" ޑޮކިއުމެންޓްރީ އާއި ގުޅިގެން ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު "މުޅި ރާއްޖެ" އަށް އަމުރު ނެރެ ބުނެފައިވަނީ މި މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފައިވެ އެވެ.
އަދި މިބާވަތުގެ މައްސަލަތަކަކީ ގަނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް. މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފަ އެވެ. ޕީޖީ އުފުލި ދައުވާއަކީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފް އަށް ވެސް އަންގާފަ އެވެ.