މައުލޫމާތު
ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބު ނުދޭތީ
ހުށަހަޅާ ކަންބޮޑުވުންތައް އެތައް ދުވަހަކު ދިފާއު ކުރުމަށް ފަހު، އެންމެ ފަހުން
އާރްޓީއައިތަކަށް ޖަވާބު ނުދެވޭކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ވެސް ޤަބޫލު
ކުރައްވައިފިއެވެ.
ހޯމަ
ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ،
އާރްޓީއައިތަކުގެ މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ
ކުރިން ސާފު ކުރައްވާފައިވާނެ ކަމަށާއި، މައުލޫމާތު ނުދެވޭ އާރްޓީއައިތައް
ހުރިކަމަށެވެ. އަދި އެކަން ކުރިއަށް ގެންދިއުން އަވަސް ކުރުމަށް މިހާރު ދަންނަވާފައިވާނެ ކަމަށް ވެސް
ރައީސް ވިދާޅުވިއެވެ.
ރައީސް
ވިދާޅުވީ، ޤައުމީ ސަލާމަތާ ގުޅޭ ކަންކަން ނޫން އެހެން އާރްޓީއައިތައް ނިންމަވައިދެއްވާނެ
ކަމަށާއި، ސަރުކާރުގެ އިދާރާތަކަށްވެސް އެކަންކަމުގެ އިރުޝާދު ދެއްވާފައިވާނެ
ކަމަށެވެ. އަދި މިއަދުވެސް އެކަމުގެ އިތުރު އެންގުމެއް ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީތަކަށް އަންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ހެނދުނު ނެގި އަޕްޑޭޓުގައި އެބަހުރި މައުލޫމާތު، ޖަވާބު ނުދޭވޭ އެއްޗެހި، އަޅުގަނޑު ދަންނަވާފައިވާނެ އަވަސްކުރަން، އިރާދުކުރެއްވިއްޔާ ވަރަށް އިސްކަންދީގެން މި އޮފީހަށް ހުށަހަޅާފައިވާ އާރްޓީއައިތަކަށް ޖަވާބުދީ ނިންމާނަން، ޤައުމީ ސަލާމަތާ ގުޅޭ އެއްޗެއްވިއްޔާ ކޭސް ބައި ކޭސް ބަލަންޖެހޭ ކަންކަން ބަލާނަން، އެ ނޫން ހުރިހާ އާރްޓީއައިތައް ވަރަށް އަވަހަށް ނިންމައިދޭނަން، އަދި އެހެން މިނިސްޓްރީތަކާ ސަރުކާރުގެ މުއައްސަސާތަކަށްވެސް އަންގާފައިވާނެ އަދި މިއަދު އެންގުމެއްވެސް އަންގާނަން.ރައީސް ޑރ މުޙައްމަދު މުއިއްޒު
އާރްޓީއައިތަކަށް
ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުދޭތީ މީގެ ކުރިންވެސް އެތައް ބަޔަކު ވަނީ
ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން އެކި ފަހަރުމަތިން ބޭއްވި ނޫސްވެރިންގެ
ބައްދަލުވުންތަކުގައި ސަރުކާރުގެ ވެރިންނާ އެކަމާ ގުޅިގެން ސުވާލު ކުރުމުން އޭރު
ބުނަމުން ދިޔައި "ރޫހާ އެއްގޮތަށް" އަންނަ އާރްޓީއައިއަކަށް ޖަވާބު
ދޭނެ ކަމަށާއި، ހުށަހަޅާ ހުރިހާ އާރްޓީއައިއަކީ ސައްޙަ އާރްޓީއައިއެއް ނޫން ކަމަށެވެ.
އަދި އާރްޓީއައި ހުށަހަޅާ ފަރާތްތައް ކުށްވެރިކޮށް، އިދާރާތަކުގެ ވަގުތު
ބޭކާރުކުރާކަމަށްވެސް ބުނެފައިވެއެވެ.