ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހިންގާ ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަކީ ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރެއް ކަމަށާއި އެފަދަ މައްސަލައެއްގައި ސޯފާގެ ވާހަކަ ނުދައްކާ ވާހަކަ ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ސަރުކާރަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކޮށްފައިވެ އެވެ. އެ ގަރާރަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހުއްޓުވަން އުޅެނީ ބަޔަކު ސޯފާ ސެޓަކާއެކު އިހުތިޖާޖު ކުރާތީ ކަމަށެވެ. 

މި ހުރިހާ ކަމެއްގެ އަސްލަަށް ބަލާއިރު މިއީ ޑޮކިއުމަންޓްރީ އަކާ ގުޅޭ މައްސަލައެއް ކަމަަށާ އެ ޑޮކިއުމަންޓްރީ އާ ބެހޭ ވާހަކައާ އޭގެ އަޑު ދެއްކުމާ ހިއްސާ ކުރުން ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަަމަށެވެ. 

އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ ހުށަހެޅިފައިވާ ގަރާރަށް ބަހުސް ކުރެއްވުމަށް ވިދާޅުވެފަ އެވެ. 

އެ ވާހަކައަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ މި ގަރާރަކީ ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހިންގާ ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އެހެން ކަމުން ގަރާރު ހުށަހެޅިފައިވާ ސަބަބަށް ވިސްނާލާއިރު މި ގަރާރު ހުށަހެޅިފައިވާ ސަބަބަކީ އަދި މި ގަރާރުގެ މަގްސަދަކީ ސިޔާސީ ޕާޓީ އަކުން ސޯފާއެއް ބަހައްޓައިގެން އިހުތިޖާޖު ކުރަމުންދާތީ އެކަން ހުއްޓުވުން ކަމަށެވެ. 

މެންބަރު ވާހަކަދައްކަވަމުން ދަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ މީކާއިލް ދައްކަވަނީ ގަރާރާ ނުގުޅޭ ވާހަކައެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމަށް އެއްވެސް ފުރުސަތެއް މި މަޖިލީހުގައި ދެވިގެން ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ރިޔާސަތުން އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިނުގަނެ، މެންބަރު މީކާއިލް އަށް ފުރުސަތު ދިނުމުން ދެވަނަ ފަހަރަށް ވެސް މީކާއިލް ވިދާޅުވީ މެންބަރުގެ ވާހަކައިގައި ރިއާޔަތް ކުރަމުންދަނީ ގަރާރު ހުށަހެޅި ސަބަބަށް ކަމަށެވެ.

ގަރާރު ހުށަހެޅިފައިވާ ސަބަބު މި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުންނަށާ އަދި ދިވެހި ރައްޔިތުންނަށް ވެސް ސާފު. މިއުޅެނީ ޕީއެންއެފް އިން ސޯފާ ސެޓެއް ގެންގޮސްގެން މުޒާހަރާ ކުރާތީ އެކަން ނުހުއްޓުވިގެން. އެކަން ނުހުއްޓުވިގެން މި ގަރާރު މަޖިލީހަށް މި ހުށަހެޅީ. އެކަމާ ގުޅުން އޮތް ވާހަކައެއް އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް ދައުވާ ކުރަން ދިވެހި ދައުލަތުން ނިންމި ނިންމުން. އެއީ މިކަމާ ގުޅުން އޮތް ވާހަކައެއް. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް

މެންބަރުގެ ވާހަކަ ކުރިއަށް ދަނިކޮށް އަނެއްކާވެސް ފަލާހު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީ އިން މި ފަހުން މަޖިލީހުގައި ކުރަމުންދަނީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ. އެކަމަކާމެދު ކޯޓުން ވެސް ހުކުމެއް ކޮށްފައިވާ  ތާކުން ތާކުން ނުޖެހޭ މައްސަލައެއްގައި ދައްކާ ނުބައި ވާހަކަތަކެއް މީކާއިލް ދައްކަވަމުން ދާތީ އެ ވާހަކަދައްކަން ފުރުސަތު ނުދިނުމަށް ރިޔާސަތަށް ދަންނަވާ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު އެހެން ވިދާޅުވުމާއެކު ނާޒިމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް މިފަހަރު ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުގައި ހިނގަމުންދާ ކަމެއް ކަމަށް ވުމާއެކު އެކަމުގެ ވާހަކަ ނުދެއްކުމަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ބުނުމަށްފަހު މީކާއިލް އަށް ފުރުސަތު ދެއްވި އެވެ.

މީކާއިލް ތަކުރާރު ކޮށް ވިދާޅުވީ ވާހަކަދައްކަވަނީ ގަރާރު ހުށަހެޅިފައިވާ އަސްލު ސަބަބަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޯޓަކަށް އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށާ މަޖިލީހުގައި ވަކި ގޮތަކަށް ވާހަކަ ބައްޓަން ކުރަން ޖެހޭ ކަމަށް ކޯޓަކަށް ނުބުނެވޭނެ ކަމަށެވެ. 

މި ނޫނިއްޔާ ނޯންނާނެ އަޅުގަނޑުމެންނަށް ކޯޓުން އަމުރު ނުކުރެވޭނެ ތަނެއް. މިތަނުގައި ވަކިގޮތަކަށް ވާހަކަ ބައްޓަން ކުރަން. އެ މިނިވަންކަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިން މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އަޅުގަނޑުމެންނަށް ލިބިދޭ. ތިހެން ނަހައްދަވާ. މި މުއައްސަސާގެ އަގު ތިޔަހެން ވައްޓަވާ ނުލައްވާ. މި މުއައްސަސާ އަކީ މިނިވަން ތަނެއް. މިއީ ޝަރީއަތަށް އަތް ބޭނެން އޮތް ތަނެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިތާ އަޅުގަނޑުމެން މި ވާހަކަ ދައްކާނެ. މިތަނަށް ގަރާރު ހުށަހަޅައިގެން މިއުޅެނީ ސޯފާ އެއްގެ މައްސަލައިގަ. ސޯފާއެއްގެ މައްސަލައިގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދެވޭނެ. ދުލުގެ މިނިވަންކަމަކު ތަޅެއް ނޭޅުވޭނެ. ނޫސްވެރިންނަކަށް ބިރެއް ނުދެއްކޭނެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ މި ގަރާރު ހުށަހެޅިފައި ވަނީ ސިޔާސީ ޕާޓީ އަކުން ސޯފާ އެއް ގެންގޮސްގެން ސޯފާއެއްގައި އިހުތިޖާޖު ކުރަމުންދާތީ އެވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެ ސޯފާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ލައިގެން ނުހުއްޓުވޭނެ ކަމަށާ ދިވެހި ރައްޔިތުން ވެސް އެވާހަކަ ދައްކާނެ ކަމަށް މީކާއިލް ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ.