ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމުގެ ހިތާމަ ފާޅުކޮށް، ހަމަހިމޭންކަމުގެ ސުކޫތެއް ކުރިއަށް ގެންގޮސްފިއެވެ.
ކުރީގެ މެމްބަރު ރާމިޒު އަވަހާރަވެފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. އޭރު އުމުރުފުޅަކީ 74 އަހަރެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރިޔާސަތުން ވަނީ އެކަމަށް ތައުޒިޔާ ވިދާޅުވެ، ހަމަހިމޭންކަމުގެ ސުކޫތެއް ކުރިއަށް ގެންދަވާފައެވެ.
ރާމިޒް އަކީ ޚާއްޞަ މަޖިލީހުގެ އިތުރުން ގއ. އަތޮޅުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.
ރާމިޒް އަވަހާރަވުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރެއްވި، ރާމިޒް އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.