2021 ވަނަ އަހަރުގެ މެއި 6 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް
އަމާޒުކޮށް ދިން ޙަމަލާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ނަޝީދަށް
އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް
ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައާ ގުޅިގެން އެންމެ ފަހުން އަޑު
އެހުމެއް ބާއްވާފައި ވަނީ އާދިއްތަ ދުވަހުއެވެ. އެ މައްސަލަ މިހާރު އޮތީ
ދައުލަތުގެ ހެކިން ހެކިބަސް ނެގުމުގެ މަރުޙަލާގަ އެވެ.
މި
އަޑުއެހުމުގައި މައްސަލައިގެ ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް
ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭނާގެ ހެކިބަހަށް ބަލާއިރު، މައްސަލައިގައި
ދައުވާ އުފުލާފައިވާ ތަހުމީނު އަލީ އަދި އަލީ ހައިޝަމްގެ ޑީއެންއޭ މި
މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވާކަމަށް ވަނީ ހެކިބަސް
ދީފައެވެ.
އޭނާ
ހެކިބަސް ދީފައިވަނީ ހަންގޭރީގައި ހުރެގެންނެވެ.
މި
މައްސަލައާ ގުޅޭ ޙާދިސާއަށް ގިނަ އަހަރުތަކެއްވަމުންދާއިރު، މި ހަމަލާއަށް ފަންޑު
ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވީ
އެންމެ އަވަހަކަށް ހުށަހެޅުމަށް ޕީޖީއިން ފުލުހުންނަށް ވަނީ ދާދި ފަހުން
އަންގާފައެވެ. ޕީޖީ އޮފީހުން ބުނީ ޓެރަރިޒަމްގެ މި އަމަލަށް ފައިނޭންސް ކުރި
މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕީޖީ
އޮފީހަށް އެކަން ހުށަހެޅުމަށް އެދި 8 އޭޕްރީލް ގައި ފުލުހުންނަށް ލަފާ ދީފައިވާ
ކަމަށެވެ.