އެމްޑީޕީ ވުޖޫދަށް ގެނައުމަށްޓަކައި ގުރުބާންވީ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާ އެ ޕާޓީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ދޭހަވާ މޭރުންތަކުން ވާހަކަދެއްކުމަކީ އެ ހަރާކުތައި ދެން މަސައްކަތް ކުރި އެހެން ހުރިހާ ފަރާތްތަކަށް ވެވޭ ބޭ އިންސާފެއް ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

"އިތުބާރު" ކެމްޕެއިންގެ ފަރާތުން އާދިއްތަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ އެމްޑީޕީ އަކީ އެންމެ މީހެއްގެ ޕާޓީ އެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އުފެއްދުމުގައި ވެސް މަސައްކަތް ކުރީ އެންމެ މީހެއް ނޫން ކަމަށާ އެހެން ނަމަވެސް އެ ބޭފުޅުން ވެސް ޕާޓީއަށް ކޮށްދެއްވި ޚިދުމަތް ހެޔޮހިތުން ބަލައިގަންނަ ކަމަށެވެ. 

އެންމެ ފާހަގަ ކުރެވޭ ބައެއް ބޭފުޅުންގެ ނަން ވިދާޅުވެ މީކާއިލް ވަނީ ޕާޓީގެ އެއް ފައުންޑަރު މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އާއި 2003ގައި އަނިޔާކޮށް މަރާލި، އީވާން ނަސީމުގެ މަންމަގެ މަސައްކަތް ފާހަކަ ކުރައްވާފަ އެވެ. 

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ޕާޓީ އުފެއްދެވުމަށް ގުރުބާން ވެވަޑައިގެންނެވީ އެންމެ ބޭފުޅެއް ކަމަކަށް. ވަރަށް ގިނަ މީހުންގެ ވަރަށް ގިނަ ގުރުބާނީއަށް ފަހު ރާއްޖެއަށް އައި ނިޒާމެއް މިނިވަން ސިޔާސީ ޕާޓީތަކުގެ ނިޒާމަކީ. ސިޔާސީ ޕާޓީތަކަށް އިންތިހާބުތަކުގައި ވާދަކޮށް ކެންޑިޑޭޓުން ލީޑުކޮށް، ސިޔާސީ މައިދާނުގައި ފައިހަމަކޮށްލަން ލިބުނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީ އިން. 
އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ އެހާ ގިނަ ބަޔަކު އެ ޕާޓީއަކަށްޓަކައި ގުރުބާންވި ޕާޓީއެއްގައި އެއީ އެންމެ މީހެއްގެ ގުރުބާނީ ކަމަށް ބުނުމަކީ އެހެން މީހުންނަށް ބުނެވޭ ކުޑައިމީސް ބަހެއް ކަމަށެވެ. އެއް ފަރުދެއްގެ ގޮތަށް ސިފަކުރުމަކީ އެއީ ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

އާދިއްތަ ދުވަހުގެ މި ބައްދަލުވުމުގައި މީކާއިލް ވަނީ ''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ލޯންޗު ކުރައްވާނެ ކަން ވެސް އިއުލާނު ކުރައްވާފަ އެވެ. 

މެންބަރު މީކާއީލް ވިދާޅުވީ އިންތިޚާބެއްގެ ނަތީޖާ ނުކުންނަ ގޮތުން އެމްޑީޕީގައި ދެމި ތިބޭނެތޯ ޕާޓީގެ އާއްމު މެންބަރުން ވަރަށް ގިނައިން ސުވާލު ކުރަމުންދާ ކަމަށާއި، އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި މިއަދު އެސުވާލު އުފައްދަނީ އެސުވާލުތައް އުފަދައްދާނެ ޖާގަ އޮތުމުން ކަމަށާއި، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ކަމަށެވެ.

ނަމަވެސް ކޮންމެ ގޮތަކަށް ނަތީޖާ އައިކަމުގައި ވީ ނަމަވެސް އަބަދުވެސް އެމްޑީޕީގައި ދެމި ހުންނާނެ ކަމަށާއި، ޕާޓީއަށް ޚިދުމަތް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން މެންބަރު މީކާއީލް ދެއްވި އެވެ.