މި އަހަރުގެ ހުޅަނގު މޫސުން ރާއްޖެ އަށް ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. 

މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ހިނގަނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށެވެ. ހުޅަނގު މޫސުން ކުރިއަދަނީ ގާތްގަނޑަކަށް މޭމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަން ފާހަގަ ކޮށް އެ އިދާރާ އިން ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެށޭ ކަމަށެވެ.

އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށިގެން ދާ ކަމަށެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ.  

އެ އިދާރާ އިން ވަނީ ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތައް ވެސް ހާމަ ކޮށްފަ އެވެ. އެގޮތުން މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނަށް 2.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހެން ޖެހޭ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހެން ޖެހޭނެ ކަން މެޓް އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ހުޅަނގު މޫސުން ފެށިފައިވާއިރު މިހާރު ރާއްޖޭގެ އިރު ދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯ ޓްރަފްގެ ސަބަބުން މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފަ އެވެ.