އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބާ ގުޅިގެން''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ލޯންޗު ކުރަން ނިންމައިފި އެވެ. 

"އިތުބާރު" ކެމްޕެއިންގެ ފަރާތުން އާދިއްތަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމަށާއި، އެމްޑީޕީގެ މަތިފަޑިއާ އާއްމު މެންބަރުންގެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެންބަރު މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ރޫހު އިތުރަށް އާލާކޮށް، ޕާޓީގެ ހަރަކާތްތައް އިތުުރު ކުރުމަށް ގިނަ ކަންތައްތަކެއް ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީ އަށް ހެދުމަށްޓަކައި ބަދަލުތައް ހުށަހަޅާނެ ކަމަށެވެ. 

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ އިތުބާރު ކެންޕޭންގެ މެނިފެސްޓޯ ލޯންޗިންގ އަންނަ ބުރާސްފަތި ދުވަހު ރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ. 

އެހެންވީމަ އެމްޑީޕީގެ އާއްމު މެންބަރުން އެމްޑީޕީގެ ހިންގުމާއި ހަވާލުވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ޝައުގުވެރި ފަރާތްތައް މި ޖަލްސާގައި ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވެދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އެދުމެއް. 
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ އިންތިޚާބެއްގެ ނަތީޖާ ނުކުންނަ ގޮތުން އެމްޑީޕީގައި ދެމި ތިބޭނެތޯ ޕާޓީގެ އާއްމު މެންބަރުން ވަރަށް ގިނައިން ސުވާލު ކުރަމުންދާ ކަމަށާއި، އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި މިއަދު އެސުވާލު އުފައްދަނީ އެސުވާލުތައް އުފަދައްދާނެ ޖާގަ އޮތުމުން ކަމަށާއި، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ކަމަށެވެ.

ނަމަވެސް ކޮންމެ ގޮތަކަށް ނަތީޖާ އައިކަމުގައި ވީ ނަމަވެސް އަބަދުވެސް އެމްޑީޕީގައި ދެމިތިބޭނެ ކަމަށާއި، ޕާޓީއަށް ޚިދުމަތް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން މެންބަރު މީކާއީލް ދެއްވި އެވެ.