ވިސާ ފުރިހަމަ ނޫން 250ށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ހޮނިހިރު ދުވަހު އޮޕަރޭޝަން ކުރަނގި ތިން ވަނަ ފިޔަވަހި ވަނީ ފަށާފަ އެވެ.
އިމިގްރޭޝަނުން ބުނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00ން 18:00ށް ގްރޫޕް ތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ޚާއްސަ އޮޕަރޭޝަންގައި 639 ތަނެއް ބަލައި، 1344 ބިދޭސީން ޗެކްކޮށް، ވިސާ ފުރިހަމަ ނޫން 254 ބިދޭސީން އެ އިދާރާ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެއިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި 44 ދިވެހިންނަށް ވަނީ ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ، އޮޕަރޭޝަން ކުރަނގި ގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަނުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގެ ބޭނުން ނުހިފައި، ބަޔޯމެޓްރިކްސް މައުލޫމާތު މިހާތަނަށް ފޯރުކޮށްދީފައިނުވާ ބިދޭސީން ދެނެގަތުން ކަމަށެވެ.
އެގޮތުން ފާހަގަކުރެވޭ ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މާލޭގެ 26 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕްރޭޝަންގައި އިމިގްރޭޝަންގެ 200ށް ވުރެ ގިނަ އޮފިސަރުންނާއި، ފުލުހުންގެ 100 އޮފިސަރުން ބައިވެރިވެފައިވެ އެވެ.