ޖުޑީޝަލް
ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ފަނޑިޔާރަކު އެހެން ކޯޓަކަށް
ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
ފަނޑިޔާރުން
އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް
ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދެއް މީގެ ކުރިން އޮވެއެވެ. ނަމަވެސް މިހާރު
އަމަލުކުރަން ފެށި މި ޤަވާއިދާ އެކު އެ ޤަވާއިދު މިހާރު ވަނީ އުވިފައެވެ.
މިހާރު
ޝާއިއުކޮށްފައިވާ އައު ޤަވާއިދުގައިވާގޮތުން 4 ޙާލަތެއްގައި ފަނޑިޔާރުން އެހެން
ކޯޓަކަށް ބަދަލު ކުރެވެއެވެ. އެގޮތުން ފަނޑިޔާރަކު އަމިއްލައަށް ބޭނުންވެގެން
އެހެން ކޯޓަކަށް ބަދަލުވާން އެދުމާއި، ކޮމިޝަނުން އިސްނަގައިގެން އެހެން ކޯޓަކަށް
ފަނޑިޔާރު ބަދަލު ކުރުމާއި، ވަކި ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅުމަށް
ކޮމިޝަނުން އާންމުކޮށް ފުރުސަތު ހުޅުވާލުމާއި، ފަނޑިޔާރަކު ނުވަތަ އެއް
ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓެއް އުވުން ހިމެނެއެވެ.
މި
ޤަވާއިދުގެ ދަށުން ފަނޑިޔާރުން ބަދަލު ކުރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން
ޖެހެއެވެ. އޭގެ ތެރޭގައި ބަދަލުވާން އެދޭ ފަނޑިޔާރު ހުރި ކޯޓަށް އައްޔަނުކުރިތާ 2
އަހަރު ހަމަވެފައިވުން ހިމެނެއެވެ. ނަމަވެސް ޙާލަތަށް ރިއާޔަތްކޮށް އެއަށްވުރެ
ކުރު މުއްދަތެއްގައިވެސް އެ ފަނޑިޔާރަކު ބަދަލު ކުރުމުގެ އިހުތިޔާރު ކޮމިޝަނަށް
ލިބިގެންވެއެވެ.
ހަމައެއާއެކު،
ފަނޑިޔާރު ބަދަލުވާން އެދޭ ކޯޓަކީ އެ ފަނޑިޔާރަކު ހުރި ކޯޓާ އެއް މަރުޙަލާއެއްގެ
ކޯޓަކަށްވެސް ވާން ޖެހެއެވެ.
މީގެ
އިތުރުންވެސް އިތުރު ޝަރުތުތައް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.