މި ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ނުހަނު ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ދެއްކުމަށް ކަމަށާ ނަމަވެސް ނޫސްވެރިންނަށް ޚާއްސަކޮށް ހެދި ނޫސްވެރިންގެ ފެންޑާ ވެސް ފެންނަން ނެތް ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ މި ސަރުކާރަކީ އިންތިހާ އަށް ދޮގު ހަދާ ސަރުކާރެއް ކަމަށެވެ. ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށާ އެކަން އެހިސާބަށް ވެސް ދިޔައީ ދޮގު ހަދަމުން ހަދަމުން ގޮސް ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަގީގަތަކީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހުރިހާ ކަމެއް ދޮގު ހެދުމުގެ މައްޗަށް ބިނާވެފަ އޮތުން ކަމަށާ މި ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ވެސް އެންމެ ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރު ކަމަށް ދެއްކުމަށް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އެކަމަށްޓަކައި ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންގެ ފެންޑާއެއް ހެދި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސަރުކާރުގެ އިސްވެރިންނަށް ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންގެ ފެންޑާގެ ނަމުގައި ފެންޑާއެއް ބަހައްޓަން ކެތް ނުވި ކަމަށެވެ.  ސަބަބަކީ ނޫސްވެރިން އެތަނަށް ގޮސް ނޫސްވެރިންގެ މަސައްކަތް ކޮށް ރައީސާ ސުވާލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މިއަދު އެ ފެންޑާ ވެސް ނެތް ކަމަށާ އެތަނުން އެ ފެންޑާ ނަގައިފި ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ނޫސްވެރިންނާ ސަރުކާރާ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ދައްކައި، އެކަން ކުރުމަށްފަހުގައި މިއަދު އެކަން ނުކުރެވުނީމާ، ނޫސްވެރިންގެ އަނގަމަތީގައި މަލަން އަޅައި، ދިވެހި ރައްޔިތުންނަށް ގެނަސްދޭ މައުލޫމާތު ހުއްޓުވުމަށްޓަކައި، ސަރުކާރުގެ އަތުގައި އޮތް ބާރެއް، ރައްޔިތުންގެ މަޖިލީހުގައި ތިބި އަޅުގަނޑުމެންގެ މަންދޫބުން އަތުގަޔާއި ފައިގައި ބިޑި އަޅުވާފައި ލިބިފަ އޮތް ހުރިހާ ހައްގުތައް އުނި ކުރުން. ނޫސްވެރިންނަކީ ސަރުކާރެއް ނުވަތަ ދައުލަތެއް ހިންގުމަށް ބޭނުންވާ އެންމެ އަސާސީ އެއް ކޮމްޕޯނަންޓް
އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު

ތަޒްމީލް ވިދާޅުވީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންނަކީ ގައުމަށް އެންމެ މުހިއްމު އެއް ބައެއް ކަމަށާ ނޫސްވެރިންނަކީ ހިތްވަރުގަދަ، ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. ނަމަވެސް މިއަދު އެއީ އެއްވެސް ބަޔަކަށް ނުހަދާ، ނޫސްވެރިޔާ އޭނާ ލިޔާ ޚަބަރަކުން ނުވަތަ އޭނާ ބުނާ ބަހަކުން ނުވަތަ އޭނާ ލިޔާ ލިޔުމަކުން ހިފާ ހައްޔަރުކޮށް އަދަބުދީ އޭނާ ގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭތޯ މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.  

މިފަދަ ކަންކަން ކުރުމަށްވުރެ، ގައުމުގެ ހިންގުން އެހެން ބަޔަކާ ހަވާލުކުރުމަކީ އެންމެ ރީތި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަޒްމީލް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސްއަޅަމުން ދާއިރު ރައީސް ގެ މުށުތެރެއަށް ބާރުތައް ޖަމާކޮށްގެން މަސައްކަތް ކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެގޮތުން ދިވެހިރާއްޖޭގެ 3 ބާރު ވަކިވެފަވާ ނިޒާމެއް އޮންނަ ކަމަށާ ބާރުތައް އޮންނަން ވީ ގޮތް ގާނޫނު އަސާސީގައި ވަރަށް ތަފްސީލުކޮށް ލިޔެފަ ވާއިރުވެސް ރައީސް އެ ބާރުތައް މުށުތެރެއަށް ލަމުންދާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު އިލެކްޝަންސް ކޮމިޝަނާ އޭސީސީ އާ ޖުޑީޝިއަރީގެ ބާރުތައް ވެސް މުށުތެރެއަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.