އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ކުރިމަތިވަމުންދާ ކަމަށާއި، ބެލެނިވެރިންނާއި، މުދައްރިސުން ސަމާލުވެ، ކުޑަކުދީންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ، ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އުފާވެރި ދުވަސް ކަމަށްވާއިރު، މިދުވަހާއި ގުޅިގެން ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އެ ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާއެކު އަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. 

ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އޯގާތެރިކަމާއި ލޯބި ނުހަނު ބޮޑަށް ބޭނުންވާ ކަމަށާއި، އާއިލާގެ ތެރެއިންނާއި، ސްކޫލް މާހައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ކޮންމެ ބޮޑު މީހެއްގެ ވާޖިބު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.  މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާއި ހަވާލުވާނެ ޒުވާނުންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި، އެ ކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ކަށަވަރު ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއް ކަމަށާއި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.