ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގަދަ ވައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖޭގެ އިރު ދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯ ޓްރަފްގެ ސަބަބުން މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާ ކޮށްފައިވާ ކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހޭ މުހިއްމު ކަންކަން އެ އޮތޯރިޓީ އިން ވަނީ ހިއްސާ ކޮށްފަ އެވެ.
އެގޮތުން ވާރޭވެހި، ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލަސއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެ، ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އޭގެ އިތުރުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުން ކޮށްގެން ފުރާޅު ހައްޔަރު ކުރުމާއި، ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުމާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން ފަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެންޑީއެމްއޭ އިން ވަނީ ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީން ކުރުމަށް އިލްތިމާސް ކުރާ ކަމަށާއި، ކާޑުގެ ބާވަތްތަކާ ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމް ކުރުމަށް ވެސް އެދޭ ކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލައިލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ހާދިސާތައް ވެސް ހިނގާ މިންވަރު އިތުރުވެ އެވެ.
އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.