ހއ ދިއްދޫގައި މަޝްރޫއުތައް ހުއްޓިފައި ހުއްޓައި
އިންތިޚާބަށް އެއް ދުވަހަށް ވެފައިވަނިކޮށްވެސް މަޝްރޫއުތައް ޙަވާލުކުރިކަމަށް އެ
ރަށު މީހުން ބުނެފިއެވެ.

ދިއްދޫގެ ތަރައްޤީގެ މަޝްރޫއުތަކަށް ބަލާއިރު،
އިންތިޚާބާ ދިމާކޮށް ގިނަ ކަންތައްތަކެއް ކޮށްދޭނެކަމަށް ސަރުކާރުން ބުނަމުން
ދިޔަނަމަވެސް، އެކަންކަން އެގޮތަށް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން އެތައް
ރައްޔިތުންނެއް ވަނީ ހިއްސާކޮށްފައެވެ.

އެރަށުން ރާއްޖެޓީވީއާ ވާހަކަ ދެއްކި ފަރާތްތަކުން ކިޔަދިން
ގޮތުގައި އެރަށުގައި އެމްޓީސީސީ މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ
ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ހިމެނޭއިރު،
މިހާތަނަށް އެ މަސައްކަތް ހުއްޓިފައިވާތާ 6 މަސް ވެފައިވާކަމަށް އެ ފަރާތްތަކުން ކިޔާދިނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މަސައްކަތްތައް
ހުއްޓިފައި ހުއްޓައި ވެސް އިންތިޚާބާ ދިމާކޮށް އެއަށްވުރެ ބޮޑެތި މަޝްރޫއުތައް
ސަރުކާރުން ވަނީ ޙަވާލުކޮށްފައެވެ. އެގޮތުން އިންތިޚާބަށް 1 ދުވަހަށް ވެފައިވަނިކޮށްވެސް
މަޝްރޫއުތައް ޙަވާލުކޮށްފައިވެއެވެ.

ދިއްދޫގެ ހޮސްޕިޓަލަށް ބަލާއިރުވެސް ޙާލަތު އޮތީ
އެހެންނެވެ. އެގޮތުން ސިމެންތި ބަސްތާތައް ފޮނުވާފައިވާކަމަށް ބުނިނަމަވެސް، މަސައްކަތެއް
ކުރިއަށްދާތަނެއް ނުފެންނަކަމަށް ރަށު މީހުން ކިޔާދެއެވެ.

މީގެ އިތުރުން، އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ފާލަމުގެ
މަސައްކަތް ކުރިއަށްދާކަމަށް ބުނެފައިވާތާވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް
މައުލޫމާތު ލިބެއެވެ. އެކަންކަން ހުއްޓިފައިވާތީ އެތައް ރައްޔިތުންނެއް ދަނީ
ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނިމިދިޔަ އިންތިޚާބާ ދިމާކޮށް މިފަދަ ގިނަ
މަޝްރޫއުތަކެއް މި ސަރުކާރުން އެކި ރަށްރަށުގައި ފެށިއެވެ. އަދި އެ މަޝްރޫއުތަކަށް
މުވައްޒަފުން ނެގިނަމަވެސް، މިއަދާ ހަމައަށްވެސް މަސައްކަތެއް ކުރިއަކަށް
ނުދެއެވެ.