ރ. މަޑުއްވަރީގައި
ހުރި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ސައިޓުތަކުގެ މަސައްކަތް ކުރިއަށް
ނުގޮސް ހުއްޓިފައިވާތީ އެރަށު ރައްޔިތުން އެކަމުގެ ޝަކުވާކޮށްފިއެވެ.

އެ
ރަށުން ރާއްޖެޓީވީއާ ވާހަކަދެއްކި މީހުން ބުނީ، ޖެހިޖެހިގެން އޮންނަ މި ދެ
ސައިޓުގައިވެސް މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި، އާރްޑީސީ ސައިޓުގައިވެސް
މަސައްކަތް ކުރިއަށް ނުގޮސް ދެމަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް
އެ ސައިޓުގައި މަސައްކަތް ކުރަން ނަގާފައިވާ މުވައްޒަފުންނަށްވެސް ބަރާބަރަށް
މުސާރަ ހިނގާކަމަށް ރަށުން ވާހަކަ ދެއްކި ހުސައިން ކިޔާދިނެވެ. މައުލޫމާތު ލިބޭ
ގޮތުގައި މަސައްކަތް ނުފެށިގެން އުޅެނީ ސާމާނު ނެތްކަމަށް ބުނެއެވެ.

އެހެންކަމުން
ދާއިރާގެ މެމްބަރު މެދުވެރިކޮށް އެ މަސައްކަތް ކުރެވޭތޯ ޕީއެންސީގެ މެމްބަރުން
ވާހަކަ ދައްކާފައިވާ ކަމަށާއި، ނަމަވެސް މަސައްކަތަށް ބޭނުންވާ އާލަތްތައް ނެތި
މަސައްކަތް ފެށޭނެ ގޮތެއްވެސް ނެތްކަމަށް އޭނާ ކިޔާދިނެވެ.

ދެތިން ހަތަރު ރޯލު ދާ ގެނައަކަސް އަދި ނުކުރެވޭނެ، ދެން އަންގައިފި މަޑުއްވަރީ ކޮޅުން ފޯރުކޮށްދޭނެއޭ ޓޫލްސް، ލިބުނީމާ ކޮށްދެވޭނެއޭ، ދެން މިހާރު ދެ ބުރުމާ ލިބުނީމާ ފެންސް ޖެހުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް އެބަ ދޭ ކުރިއަށް އާރްޑީސީ ސައިޓުގައި
ރަށުން ވާހަކަދެއްކި ފަރާތެއް

އެހެންނަމަވެސް
އެމްޓީސީސީ ސައިޓުގައި މަސައްކަތް ދަނީ އެއަށްވުރެވެސް ޙާލު ދެރަކޮށްކަން އޭނާ
ފާހަގަ ކުރިއެވެ. އެގޮތުން އެތަނުގައި ބޭނުން ކުރަމުންދަނީވެސް މުޅީންވެސް ދުވަސްވެފައިހުރި
ބާ ސާމާނުތަކެވެ. އެކަމާ އެރަށު ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ކިޔާދިން ގޮތުގައި މި ސައިޓުތަކުގެ ވަޒީފާތަކަށް މުވައްޒަފުން ނެގީ ނިމިދިޔަ އިންތިޚާބަށް މަހަކަށްވެފައި ވަނިކޮށެވެ. އަދި ގިނަ މުވައްޒަފުންތަކެއް ނެގި ނަމަވެސް، އިތުރަށް މަސައްކަތަށް ބޭނުންވާނެ އެއްވެސް ސާމާނެއް ނެތްކަން އޭނާ ފާހަގަކުރިއެވެ.