ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 13:22 ހާއިރު  ކަމަށެވެ. 

ޙާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ ހޮނިހިރު ދުވަހުގެ 14:45 ހާއިރުއެވެ.

ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.