ރާއްޖެ އިން އިންޑިއާ އަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް މި ފެށޭ ޖޫން މަހު ފައިސާ ދައްކަން ޖެހޭއިރު، އެ ފައިސާ ދެއްކޭނެ ފަދަ މާލީ ތަނަވަސްކަމެއް ދައުލަތުގެ ރިޒާވްގައި ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށްފަހު، ހޮނިހިރު ދުވަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ ހަފުތާގައި ނުވަތަ އަންނަ މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ 50 މިލިއަން ޑޮލަރުގެ ބޮންޑެއް ނުވަތަ ޓްރެޜަރީ ބިލެއްގެ މެޗުއަރިޓީ ހަމަވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، އެ ފައިސާ ދެއްކޭނެ މިންވަރަށް ރިޒާވްގައި ފައިސާ ހުރި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖެ އަށް މިހާރު ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، ރިޒާވަަށް އޮތް ޕްރެޝަރާ މެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަޅުގަނޑު ލަފާކުރަނީ، މިއަންނަ ހަފުތާގައި ކަންނޭނގެ ނުވަތަ ވަރަށް އަވަހަށް އެބައޮތް 50 މިލިއަން ޑޮލަރުގެ ބޮންޑެއް، އިންޑިއާ ސަރުކާރުގެ ބޮންޑެއް. ދެން އެ ބޮންޑު މެޗުއަރިޓީ އެއް އެބައާދޭ. މި އަންނަ މަހު ދައްކަންޖެހެނީ. މި އަންނަ ހަފްތާ ނުވަތަ މި އަންނަ މަހު. އަޅުގަނޑު ނުދެކެން އަޅުގަނޑުމެންގެ ރިޒާވްގަ ހުރި ކަމަކަށް އެ ދެއްކޭކަށް. އަޅުގަނޑުމެން އަތުގައި ނެތް. އެނގިލައްވާނެ ވަރަށް ބޮޑަށް ބޭރު ފައިސާ އަށް ޑޮލަރަށް ދަތިވެފައި މިހާރު މި ވަނީ. ދެން އަޅުގަނޑު އިންޑިއާގެ އެ ބޭފުޅުންނާ ވާހަކަ ދެއްކިން. ދެން އަޅުގަނޑު އުއްމީދު ކުރަން ދިވެހިރާއްޖެ އިން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން، ވަކި ޕްރޮގްރާމެއްގެ ތެރެއިން ކަންތައްތައް ދާގޮތަށް މިކަން ކުރިއަށް ގެންދެވޭނެ ކަމަށް.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން ރައީސް ނަޝީދު ދެ ކަމެއް ހުށަހެޅުއްވިއެވެ. އެއީ ސަރުކާރުން މިހާރު ކުރަމުންދާ ބޭކާރު އިސްރާފުތައް ވަގުތުން ހުއްޓާލުމާއި، ބޭރުގެ އެހީތެރިކަން ހޯދުމަށްޓަކައި ހަރުދަނާ އިގްތިސާދީ ޕްރޮގްރާމެއް އެކުލަވާލައި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ހުށަހެޅުމެވެ. ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމުގައި ހަރުދަނާ އުޞޫލުތަކެއް ގެންގުޅުމަކީ ބޭރުގެ މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކުވެރި ދައުލަތްތަކުން ދޭ އެހީގެ ފައިސާ ސަރުކާރުން އިސްރާފުކުރަމުންދާ ނަމަ، އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ އިސް ފަރާތްތަކުގެ މެދުގައި ރާއްޖެއާ މެދު އޮންނަ އިތުބާރު ކުޑަވެގެންދާނެ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ވަކި ޚާއްޞަ އިގްތިސާދީ ޕްރޮގްރާމެއް ހުށަހަޅައިގެން، އެ ޕްރޮގްރާމުގެ ތެރެއިން މިކަމަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.