ޗާގޯސް މައްސަލައިގަ ދިވެހިރާއްޖެ އާ  ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކައި، މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖެ އާއި މޮރިޝަސް އާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެދިވަޑައިގަތުމުން، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

އަޅުގަނޑާ ދިމާވީ މޮރިޝަސްގެ ފޮރިން މިނިސްޓަރާ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ އާއި މޮރިޝަސް އާ މިހާރު މި އޮތީ ޑިޕްލޮމެޓިކް ގުޅުން ކަނޑައިލާފަ. ދެން އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރު އަރިހުގައި ވެސް ދެންނެވިން، ދިވެހިރާއްޖެ އާ މިކަމުގައި ވާހަކަދައްކައި، ދެ ޤައުމަށް ސުއްލަވެރި ގޮތުގައި ކަންތައްތައް ނިންމޭނެ ގޮތް ހޯދުން. ދެން އެއްވެސް ހާލެއްގައި އަވައްޓެރި ޤައުމުތަކާއި އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. ދެން އެ ބޭފުޅުން ތިއްބެވީ ތައްޔާރަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން މި ފުރުސަތުގެ ބޭނުން ހިފައި މޮރިޝަސް ސަރުކާރާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މޮރިޝަސް އިން ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެ އިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެ އިން ދެކޮޅު ހަދާތީ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއުލާނު ކުރައްވާފަ އެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) އަކީ އިންޑިއާ ކަނޑުގެ 23 ގައުމެއްގެ މެދުގައި އޮންނަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ބާއްވާ އިންޑިއަން އޯޝަން ޑަޔަލޮގަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.