އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ބައްދަލު ނުވާ ކަމަށާއި، ނަމަވެސް ފޯނުން އެމަނިކުފާނާ ވާހަކަ ދެއްކެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. 

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ފަހުން ހުކުރު ދުވަހު ރައީސް ސޯލިހް ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ހުކުރު ދުވަހު ރައީސް ސޯލިހް އިންޑިއާ އަށް ވަޑައިގެންނެވި ނަމަވެސް އެ ދެ ބޭފުޅުން ބައްދަލު ނުވާ ކަމަށެވެ. ނަމަވެސް، ފޯނުން ރައީސް ސޯލިހްއާ ވާހަކަ ދެކެވުނު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގެ ތަފްސީލެއް ރައީސް ނަޝީދު ވިދާޅުވެފައި ނުވެ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެމަނިކުފާނުގެ ކެމްޕެއިން ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ ވެސް، ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި އުޅުއްވަމުންނެވެ. އެ ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނުގެ ކެމްޕެއިން މަޑު ޖެހުނު ނަމަވެސް، ކުރިއަށް އޮތް ދުވަސް ތަކުގައި އެ  ކެމްޕެއިން ކުރިއަށް ގެންދާނެ އެވެ.

އެންމެ ފަހުން ރައީސް ސޯލިހް އާއި ރައީސް ނަޝީދު އެކުގައި ބައްދަލު ކުރައްވާފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ 2023 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން، ދެ ބޭފުޅުން ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު އާއި ރައީސް ސޯލިހް އަކީ އެންމެ ކުރިން ފެށިގެން ވެސް ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.