ދިވެހި މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭ ބިދޭސީ މަސައްކަތްތެރިންގެ ސިއްހަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ އާންމު ސިޔާސަތުތަކުގެ މައިގަނޑު އަސާސަކަށް ވާންޖެހޭނެ ކަމަށް އދ. ގެ އެކްސްޕާޓަކު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި، ސިއްހީ ހިދުމަތް ލިބުމުގެ ހައްގާ ބެހޭ ސްޕެޝަލް ރެޕަޓުއާ، ތަލެންގް މޮފޮކެންގް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާތީ، ހަމަހަމަކަމާއެކު ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، އެމީހުންނަށް ކުރިމަތިވާ ނުރައްކާތައް ކުޑަކޮށް، ހިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި، ދާއިމީ ބަލިތަކަށް ފަރުވާދިނުމާއި، މަސްތުވާތަކެތީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މުހިންމު ބޭސްތައް ލިބޭނެ މަގު ފަހިކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މުޅި ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ދާއިރާގެ މާހިރުންނާއި، ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއިން ނަފްސާނީ ބަލިތަކަށް ހާއްސަ ނަރުހުންނާއި ޑޮކްޓަރުންގެ އަދަދު އިތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭނެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން މަރުވުމާއި ނުކުޅެދުންތެރިކަން ކުރިމަތިވާ މައިގަނޑު ސަބަބަކަށް ކުރިން އޮތް ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، މިހާރު ވަނީ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރު ބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް އިތުރުވެފައެވެ. އދ. ގެ އެކްސްޕާޓް ވިދާޅުވީ، ސިއްހީ ސާމާނާއި ބޭސްފަރުވާގެ ތަކެތި ހޯދުމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ބޭހުގެ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކަކީ މުހިންމު ބައިވެރިން ކަމަށްވާތީ، ސިޔާސަތުތައް ކަނޑައަޅާ މޭޒުދޮށުން އެ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ހައްގުތަކާއި، އެކަމަށް ބޭނުންވާ ތަކެއްޗާއި މައުލޫމާތާއި ހިދުމަތްތައް ފުރިހަމައަށް ލިބޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން މޮފޮކެންގް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމާއެކު އަޅާލުމާއި، ދިރިއުޅުމުގެ ފެންވަރާއި، ކާނާގެ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފަދަ ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ގުޅުން ހަރުދަނާކޮށް، ކަންކަން މޮނިޓަރކޮށް ކުރިއަށް އޮތްތަނަށް ލަފާކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އޭނާ ސަރުކާރަށް ބާރުއެޅުއްވިއެވެ.
"ދިގު މުއްދަތުގެ ސާފު ތަސައްވަރެއްގެ ދަށުން އެންމެން ގުޅިގެން، ގިނަ ދާއިރާތައް ހިމެނޭ ގޮތަށް ހިންގުމުގެ ނިޒާމު ބައްޓަންކޮށް، ގައިންގަޔަށް ނާރާ ބަލިތައް ފަދަ އަލަށް ކުރިމަތިވާ ބޭނުންތަކަށް އަމާޒުކޮށްގެން ޕްރައިމަރީ ހެލްތު ކެއާ އަށް އިންވެސްޓްކޮށްގެން، ރާއްޖޭގެ މިހާރުގެ ސިއްހީ ނިޒާމުގެ މައްޗަށް ބިނާކޮށް ކުރިމަގުގައި ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ،" މޮފޮކެންގް ވިދާޅުވިއެވެ.
ތަލެންގް މޮފޮކެންގް އަކީ އެންމެ މަތީ ފެންވަރުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ ހައްގާ ބެހޭ ސްޕެޝަލް ރެޕަޓުއާ އެވެ. ސްޕެޝަލް ރެޕަޓުއަރުންނާއި، މިނިވަން އެކްސްޕާޓުންނާއި، ވޯކިންގ ގްރޫޕްތަކަކީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އައްޔަންކުރާ އިންސާނީ ހައްގުތަކާ ބެހޭ މިނިވަން މާހިރުންނެވެ.