ދިވެހިރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހަންޓާ ވައިރަސް އާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން އެކަން މޮނިޓަރ ކުރަމުންދާ ކަމަށެވެ. 

މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައިނުވާ ކަމަށާއި، ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

ހަންޓާ ވައިރަސް އާންމުކޮށް ފެތުރެނީ، އެ ބަލި ޖެހިފައިވާ މީދަލާއި އެފަދަ ތަކެތީގެ ނަޖިހުން (ކުޑަކަމުދާ އެއްޗިއްސާއި، ބޮޑުކަމުދާ އެއްޗިއްސާއި، ކުޅު) ވައިގެ ތެރެއަށް ބޭރުވާ ޕާޓިކަލްތައް އިންސާނުންގެ ނޭވާލާ ނިޒާމަށް ދިއުމުގެ ސަބަބުންނެވެ. މިއީ ގިނައިން މީދާ އުޅޭ ތަންތަން ސާފުކުރުމުގެ ތެރޭގައި ދިމާވާ ކަމެކެވެ.

މިއީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ "ޒޫނޮޓިކް" ބައްޔެއް ކަމުން، އެކަކު އަނެކެއްގެ ގަޔަށް މި ބަލި ފެތުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް، މި ބަލީގެ ބާވަތެއް ކަމަށްވާ "އެންޑީސް ސްޓްރެއިން" އެކަކު އަނެކެއްގެ ގަޔަށް ފެތުރިދާނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އެއީ ބަލިޖެހިފައިވާ މީހަކާ ވަރަށް ގާތުން ސީދާ ދިމާވެގެން މެނުވީ ވާނެ ކަމެއް ނޫނެވެ.

މި ބައްޔަށް ދުނިޔޭގެ ސަމާލުކަން ލިބިފައިމިވަނީ އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުންދިޔަ "އެމްވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައި ހަންޓާ ވައިރަސް ފެތުރި، 5 މީހަކު ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް 3 މީހަކު މަރުވުމާ ގުޅިގެންނެވެ. އަދި ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތެރެއިން 5  ކޭސްއެއް ލެބޯޓްރީން ކަށަވަރު ކުރެވިފައިވާއިރު، ބާކީ 3 އެއީ ސަސްޕެކްޓެޑް ކޭސްތަކެވެ. 

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ، މި ބަލީގެ ނުރައްކާ ބައެއް ފަރާތްތަކަށް ބޮޑުވި ނަމަވެސް، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ (އައި.އެޗް.އާރް)ގެ ދަށުން އެކި ގައުމުތަކާއި، ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.