ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރާމިޒް އަވަހާރަވެފައިވާއިރު، އުމުރުފުޅަކީ 74 އަހަރެވެ. 

މައްޔިތާއަށް ޒިޔާރަތްކުރުން ހޮނިހިރު ދުވަހުގެ ހެނދުނު 11:00ން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ އެވެ. އަދި މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. 

ރާމިޒް އަކީ ޚާއްޞަ މަޖިލީހުގެ އިތުރުން ގއ. އަތޮޅުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވެ އެވެ. 

ރާމިޒް އަވަހާރަވުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރެއްވި، ރާމިޒް އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. 

ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާފަ އެވެ.

މީގެ އިތުރުން ރާމިޒްއަކީ މަޑުމައިތިރި، ޚިދުމަތްތެރި އަދި ވިސްނުންތެރި ޝަހުސިއްޔަތެއް ކަން ފާހަގަކޮށް، ސިޔާސީ އެކި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މީގެ ކުރިން މެންބަރުކަން ކުރެއްވި ބޭފުޅުން ވަނީ މި ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.