މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ދެ އުޅަނދު ބަނދަރު ކުރި މައްސަލައަކީ ސެކިއުރިީޓީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު ކަމެއް ހިނގި ސަބަބު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަކަށް ވިދާޅެއް ނުވެވުނެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމާބެހޭ އެއްވެސް އިދާރާއަކަށް ކުރިން އެންގުމަކާ ނުލައި ރާއްޖެ ސަރަހައްދަށް ވަދެ، ބަނދަރު ކުރި މި ދެ އުޅަނދާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފަ އެވެ.  

އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ މި ދެ އުޅަނދު ރާއްޖެ ސަރަހައްދަށް ވަދެ ބަނދަރު ކުރިތާ ހަފުތާއެއް ފަހުން މި މައުލޫމާތު އެނގިފައިވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވާއިރު މިކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް މުންދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އެއީ ސެކިއުރިޓީ ބްރީޗެއް ކަމަށް މުންދު ވިދާޅުވި އެވެ. 

މިފަދަ ކަމެއް ހިނގަދިޔައިރު ކަމާ ބެހޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އެނގިފައިނުވާ ސަބަބު މުންދު ވިދާޅުވެފައި ނުވާއިރު މިފަދަ ކަންކަން ހައްލު ކޯށް، މަދު ކުރުމަށްޓަކައި ވަސީލަތްތައް ގާއިމް ކުރުމަށް އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރި ކަމަށާ މިހާރު ވެސް ކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

އެބޭފުޅުން ވެސް އެންމެ ފުރަތަމަ ޔަގީން ކުރައްވާނީ އެއީ ކޮން ނިޔަތެއްގަ އައި އުޅަނދެއްތޯ ނޫންތޯ. ކިތަންމެ ދުވަހެއް ވިޔަސް ފުރަތަމަ ވަންނަ ސިކުންތުގަ ވެސް ބްރީޗެއް ނޫންތޯ އޭ އެއީ އެބޭފުޅުން ޑިކްލެއަރ ނުކުރައްވާ ފޯލްސް ފްލޭގެއްގައި އެބޭފުޅުން ރާއްޖޭގެ ސަރަހައްދަށް ވަނުމަކީ. އިޓްސް އެގެއިންސްޓް ދަ ލޯ. 
 ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ މި މައްސަލަ މިހާރު ދަނީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށެވެ. އެގޮތުން ފުލުހުންނާ އެމްއެންޑީއެފް އަދި ކަސްޓަމްސް ގުޅިގެން އެ ތަހުގީގު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށާ މިކަމުގެ މައުލޫމާތު ވެސް ހިއްސާ ކުރައްވާނީ އެބޭފުޅުން ކަމަށް މުންދު ވިދާޅުވި އެވެ. 

އިތުރަށް ވާހަކަދައްކަވަމުން މުންދު ވިދާޅުވީ އެކިއެކި ފަރާތްތަކާ ގުޅިގެން، ޚާއްސަ ކޮށް، ޚާރިޖީ ގުޅުންތަކާ އަސްކަރީ ގުޅުންތައް މެދުވެރިކޮށް، ވަސީލަތްތައް އިތުރުކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މި ދެ ބޯޓުގެ މައްސަލަ ސަމާލުކަމަށް އައުމާއެކު، މި މަހުގެ 3 ވަނަ ދުވަހު ކަސްޓަމްސް އާއި އެމްއެންޑީއެފްގެ ޓީމަކުން އެ އުޅަނދުތަކަށް އަރާ ބަލާ ފާސްކޮށްފައިވާރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ. ހުއްދަ ނުނަގާ ނުވަތަ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުޅަނދުތައް ވަންނަ މައްސަލަ ދޭތެރެއަކުން ފެންމަތިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.