ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް ވިދާޅުވެއްޖެ އެވެ.

26 އޭޕްރީލް 2026ން 7 މެއި 2026 އަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެކަމަނާ ވަނީ ސިއްހީ ހައްގުތައް ފުރިހަމަ އަސް ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން އަމަލު ކުރަމުންދާ އުސޫލުތަކާއި، ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާފަ އެވެ. 

މީގެ ތެރޭގައި ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރި މިންވަރާއި، އެ ޚިދުމަތްތައް ބަލައިގަނެވޭ މިންވަރާއި، އަތްފޯރާ ފަށުގައި ސިއްހީ ޚިދުމަތްތައް ލިބިދޭ މިންވުގެ އިތުރުން ޚިދުމަތުގެ ފެންވަރާ ގުޅޭ މައުލޫމާތު ހޯއްދެވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ހާލަތާ ގުޅޭގޮތުން މިނިސްޓްރީތަކާއި، މަދަނީ ޖަމިއްޔާތަކާ ބައްދަލު ކުރެއްވުމަށް ފަހު، ރެޕަޓުއަރ ޑރ. މޮފޮކެންގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކަށް އަސާސީ ބޭސްތައް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ހޮސްޕިޓަލްތަކުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރަންޖެހޭ މުހިންމު ބޭސްތައް ލިބުމުގައި ވެސް ދަތިތައް އެބަހުރި ކަމަށާއި، އަސާސީ ބޭސްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންވާ ބޭސްތައް  ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭޏާ ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގައި ސިއްހަތަށް އޮތް ހައްގާއި ގައުމުގެ ހާލަތަށް ބަލާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް ކަމަކީ ބޭހާއި ސިއްހީ ސާމާނު ލިބުމުގައި ހުރި ދަތިތަކާއި، އެ ތަކެތި މެނޭޖްކުރުމާއި، އަދި ބޭސް ލިބޭނެ މަގުފަހިވުމާއި، އަގު ހެޔޮވުމާއި، ފެންވަރުގެ ސަބަބުން ބަލިމީހުންނަށް ކުރާ އަސަރު. އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަޅުގަނޑަށް ފެނުނު ގޮތުގައި، މި ހުސްކަން ފޫބެއްދުމަށް ސިއްހީ ހިދުމަތްތެރިން ބުރަ މަސައްކަތްތަކެއް ކުރޭ. ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް ހޯދުމުގައި ގޮންޖެހުންތަކެއް ވެސް އެބަހުރި. ހަކުރު ބައްޔާއި ލޭ މައްޗަށް ދާ މީހުން ބޭނުން ކުރާ ބޭސް މެދުކެނޑުމެއް ނެތްގޮތުގައި ކޮންމެ މަހަކު ބޭސް ލިބޭނެކަން ކަށަވަރު ކުރަން ޖެހޭ.
އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް 

 ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނާއި ބޭސް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަށް އިޝާރާތް ކުރައްވައި ރެޕަޓުއަރ ވިދާޅުވީ މުޅި ސިއްހީ ބިލުގެ ގާތްގަނޑަކަށް 60 އިންސައްތަ އަކީ ބޭހަށް ކުރާ ހަރަދު ކަމަށެވެ. ނަމަވެސް ނިސްބަތުން ރާއްޖެއަށް ބޭނުންވަނީ މަދު މިންވަރެއް ކަމަށްވާތީ، ވިޔަފާރީގެ ފައިދާއަށް ބަލައި، ބޭރުގެ ކުންފުނިތަކުން ބޭހާއި، ސިއްހީ އެހެނިހެން ސާމާނު އެތެރެ ކުރުމުގެ ޝައުގުވެރިކަން ކުޑަ ކަމަށް ރެޕަޓުއަރ ވިދާޅުވި އެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ބޭސް ވިއްކޭނެ އެންމެ މަތީ އަގުތައް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެޕަޓުއަރ ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަމުގައި ހަމައެކަނި ވިސްނަން ޖެހޭނީ ފައިދާ ހޯދުމަށް ނޫން ކަމަށެވެ. އަދި ރަނގަޅު ނިޒާމެއްގެ ތެރެއިން އަބަދުވެސް ރައްޔިތުންނަށް ބޭސް ލިބެން ޖެހޭ ކަމަށާއި،  ބޭސް ގަތުމުގެ ނިޒާމަކީ ދެފުށް ފެންނަ، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެހެންކަމުން އެއްބަސްވުންތައް ގާއިމްކޮށް، ބޭހާއި، ސިއްހީ ސާމާނު ކަށަވަރު ކުރުމަށްޓަކައި، ސަރުކާރުން މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ރެޕަޓުއަރ ވިދާޅުވި އެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް އެއްބާރުލުންދޭކަން ފާހަގަކުރައްވައި ރެޕަޓުއަރ ވިދާޅުވީ އެސްޓީއޯގެ އިތުރުން ކަމާގުޅުންހުރި ގިނަ އިދާރާތަކާއި، ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މި މަސައްކަތްތަކާއެކު މި މައްސަލައަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.