ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޖުމުލަ 21 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.

މި މައްސަލައިގެ ފެށުމަކީ މި ހިނގާ މެއި މަހުގެ 5 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އައި ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ ފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރިއިރު، ޕްލާސްޓިކް ކޮތަޅުތަކަކަށް އަޅައި ބަންދުކޮށްފައި ހުރި 7.94 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި ފެންނަ ފެނުމަށް ވައްތަރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއާ އެވެ.

ކަސްޓަމްސްއިން އަތުލައިގަތް މި ތަކެތި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ ތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވި މީހުން ހޯދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ވަނީ "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އިތުރު 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. އެއާއެކު މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ އަދަދު ވަނީ 21 ކިލޯއަށްވުރެ މައްޗަށް އަރާފަ އެވެ.

މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިން އާއި 32 އަހަރުގެ މަމުން ދަލި އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އަންނަނީ ސިލްސިލާ ގޮތެއްގައި ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.