މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. 

ރާއްޖެއެމްވީ އަށް މެލޭޝިޔާގައި ދިރިއުޅޭ ދިވެއްސަކު ބުނީ، އަޟްހާ އީދު ފާހަގަކުރުމަށްޓަކައި، އެމްބަސީގެ ފަރާތުން އެގައުމުގައި ދިރިއުޅޭ ދިވެހީންނަށް ގުޅަމުންދާ ކަމަށެވެ. 

އޭނާ ބުނީ، އަޟްހާ އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް އެހީތެރިކަމެއް ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ފައިސާގެ ގޮތުން އެހީތެރިނުވެވޭނަމަ އީދު ފަދަ މުސާބަތުތަކުގައި ދިވެހީން ކެއުމަށް ބޭނުންކުރާ ކޮންމެވެސް އެއްޗެއް ހަދިޔާ ކުރުމަށް އެދިފައިވާ ކަމަށެވެ.

 މީގެ ކުރިން ވެސް މެލޭޝިޔާގައި ދިވެހީން އެއްބައިވެ، އީދު ފަދަ ދުވަސްތައް ފާހަގަކުރާ ކަމަށާއި، މިގޮތަށް އެމްބަސީގެ ފަރާތުން ގުޅައި އެހީތެރިކަމަށް ނޭދޭ ކަމަށް އޭނާ ބުންޏެވެ. 

މިއީ ދެން ވަރަށް ޖޯކު ކަމަކަށް ވެއްޖެ. މިވަރުން އީދު ފާހަގަނުކުރަންވީ އެއްނު 
މެލޭޝިޔާގައި ދިރިއުޅޭ ދިވެއްސެއް

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރި ކަމަށް އެދިފައިވާއިރު، ރާއްޖޭގެ ތިން ރަށުގައި ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސާދީ ގޮތުން ވަރަށް ދަތިވަމުންދާއިރު، ހަރަދު ކުޑަ ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ނާޅާތީ ގިނަ ބައެއް ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.