ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ އެވެ.
ހައްޖުގެ ކަންކަމުގައި ސައުދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުޠައްވިފް، ރަވާފް މިނާއާއި ހައްޖު މިޝަނުން ވަނީ ބައްދަލުކުރައްވާފަ އެެވެ.
މި ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯ އެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެއިން މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވުމަށް ގާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ. އަދި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ޙާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ޚާއްސަ އެހީތެރިންނަކީ މުޠައްވިފުންނެވެ. ސަޢުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މުޠައްވިފަކީ ރަވާފް މިނާ އެވެ.
މުޠައްވިފާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ދިވެހި ހައްޖާޖީންނަށް ޚިދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ޙާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެންމެހާ މަޝާއިރުތަކުގެ އިންތިޒާމްތަކާގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ.