ދަތުރުވެރިޔާ އާއި މޯލްޑިވިއަން އިން ގުޅިގެން "ހަވީރީ އުފާ" ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

"ހަވިރީ އުފާ" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މެއި މަހުގެ 8 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހިތަދޫ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.

މި ހަވީރުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ 2 އުމްރާ ދަތުރު ހޯދުމުގެ ފުރުސަތެވެ. މި ހަރަކާތުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް އުމްރާ ދަތުރު ލިބިގެންދާނެ ކަމަށް ދަތުރުވެރިޔާ އިން ބުނެ އެވެ. މި ހަރަކާތަކީ މޯލްޑިވިއަން އާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް މި ހަވީރުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އާޓް އެންޑް ކްރާފްޓްގެ ހަރަކާތްތަކާއި، ތަފާތު ކާބޯތަކެތި ލިބޭނެ ފުޑް ސްޓޯލްތައް ހިމެނެ އެވެ. 

މި ހަރަކާތް އިންތިޒާމުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތާއި، އެމްއެންޑީއެފްގެ އިތުރުން މަރަދޫ ހެލްތް ސެންޓަރާއި، ވަގުތުން ލައިވް ޕޭޖުގެ އިތުރުން އެމްއެމްސީސީގެ ބައިވެރިވުމާއެކު އެވެ. މި ހަވީރަކީ އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.