ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރ. މަޑުއްވަރީގައި ތަރައްގީ ކުރި ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށްވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު ކަމަށް މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ މެންބަރު މުހައްމަދު ނިޝާމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ މެންބަރު މުޙައްމަދު ނިޝާމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ވަރަށް ގިނަ މަސައްކަތްކޮށްގެން ހޯދި ޔޫތް ސެންޓަރެއް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ނިމި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި އިރު ސެންޓަރުގެ 95 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށާއި، ބާކީ 5 އިންސައްތައިގެ މަސައްކަތް ނިމުނު ނަމަވެސް، މި ސަރުކާރަށް ދެ އަހަރާއި ބައި ވި އިރު އިރުސް ތަން ނުހުޅުވާ ކަމަށެވެ. ނިޝާން ވިދާޅުވީ އެތަން ހުޅުވިގެން ދިއުމަކީ ރަށުގެ ޒުވާނުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. 

ނަމަވެސް އެތަނަށް ބޭނުންވާ އިންޑޯ އާލާތްތައް ނެތުމުގެ ސަބަބުންނާއި އަދި ހޯދޭނެ ގޮތެއް ވެސް ނެތުމުން، ޔޫތް ސެންޓަރާއި (ކުޅިވަރާއި ބެހޭ މިނިސްޓްރީ) އާއި ވާހަކަ ދައްކައިގެން ވެސް އެކަން ނުވި ކަމަށެވެ. 

މިއީ ޒުވާނުންގެ ހުރި ބޮޑު ކަންބޮޑުވުމެއް. މިނިސްޓްރީ އިން ސާމާނު ގެންނަ ވާހަކައެއް ދެއްކި. އިންތިހާބާއި ދިމާކޮށް ވެސް ގެންނަ ވާހަކަ ދެއްކި. ނަމަވެސް އެކަމެއް ނުވޭ. ދެ އަހަރާއި ބައިވެގެން ދިޔަ އިރު އެއީ ވަރަށް ގިނަ ދުވަސް ދެއްތޯ، ސާމާނުކޮޅެއް ވައްދާލާ އެތަން ހުޅުވޭވަރު ކުރަން. 
 މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ މެންބަރު މުޙައްމަދު ނިޝާމް 

މި ޔޫތް ސެންޓަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރ. މަޑުއްވަރީގައި އިމާރާތްކޮށްދެއްވި ޔޫތް ސެންޓަރެކެވެ. ވެރިކަން ބަދަލުވި އިރު 95 އިންސައްތަ ނިމިފައި ބާކީ އޮތީ ކުލަލުމުގެ މަސައްކަތް އެކަންޏެވެ. ވެރިކަން ބަދަލުވެ މިހާތަނަށް އެތަނަށް ސާމާނު ނުލިބިގެން އެތަން ނުހުޅުވި އޮތް ނަމަވެސް، އެތަނަށް ސާމާނު ނުގެނެސް ހުޅުވަން ސަރުކާރުން މަސައްކަތް ކުރި އެވެ. 

ނަމަވެސް ކައުންސިލުން ވަނީ އެކަމަށް އެއްބާރުލުން ނުދޭން ނިންމައި، ސާމާނު ނެތީސް އެކަން ކުރަން ބޭނުން ނުވާ ކަމަށް އަންގާފަ އެވެ. 

މަޑުއްވަރީގެ ޒުވާނުންގެ އެދުމަކީ އެތަނަށް ބޭނުންވާ ސާމާނު ގެނެސް އެތަން ވީހާ ވެސް އަވަހަކަށް ހުޅުވުމެވެ.