ރ. ރަސްމާދޫ ގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމަށްޓަކައި ބިން ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު ވިދާޅުވީ، ޕޮލިސް ޕޯސްޓް އެޅުމަށް ބޭނުންވާ ބިމުގެ ރަޖިސްޓްރީ އާއި އެހެނިހެން އިދާރީ ކަންކަން ނިންމައި ސަރުކާރާ ހަވާލުކުރިތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
މުރުތަޟާ ވިދާޅުވި ގޮތުގައި، ޕޮލިސް ޕޯސްޓް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ފެނަކައިގެ މުވައްޒަފުން މެދުވެރިކޮށް ކުރިން ސާފުކުރި ނަމަވެސް، މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން އެ ބިން މިހާރު އޮތީ އަނެއްކާވެސް އަލުން ސާފުކުރަންޖެހޭ ހާލަތުގަ އެވެ.

ރ. ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަނީ.
ލިސް ޕޯސްޓް އިމާރާތްކުރަން ނިންމާފައިވާ ބިމުގެ ރަޖިސްޓްރީ ކައުންސިލް ގެ ފަރާާތުން ނިންމާފައި އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ. މިދިޔަ އަހަރު އޯގަސްޓް ހިސާބުގައި އަޅުގަނޑުމެން ވާނީ ރަޖިސްޓްރީ އާ އެއްޗެހި ހަދައިދީ ހުރިހާ ކަމެއް ނިންމާފަ. ދެން ފެނަކައިގެ މުވައްޒަފުން ލައްވާ ޕޮލިސް ޕޯސްޓް އިމާރާތްކުރަން ނިންމާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފަ ވަނީ. މިހާރު މި އޮތީ އަނެއްކާ އަލުން ސާފުކުރާ ހިސާބަށް ގޮސްފަ. ޕޮލިސް ޕޯސްޓްގެ އެއްވެސް މަސައްކަތެއް ނުހިނގާ މިތަން ހަމަ އެ އޮތްގޮތަށް މިއޮތީ.ރ. ރަސްމާދޫ ކައުންސިލް މެމްބަރު މުރުތަޟާ ރަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ރަސްމާދޫ އަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ، އެ ރަށަކީ ފުލުހުންގެ ހިދުމަތް އަދި ފެށިފައި ނުވާ ރަށަކަށް ވާތީ، 2025 ވަނަ އަހަރުގެ އެންމެ ކުރީކޮޅު އެކަމަށް އިސްކަންދެއްވައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ވައުދުފުޅާ އެއްގޮތަށް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކައުންސިލް މެމްބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާދޫ ކައުންސިލަކީ ސަރުކާރުން ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެމުންދާ ކައުންސިލެކެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ވަކި ޕާޓީއެއްގެ ބަޔަކު ނުހޮވައިފިނަމަ ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ތަރައްގީގެ ކަންކަމުގައި މަގުފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލުން ބުނެފައިވަނީ، ބިން ހަވާލުކޮށްފައި އޮތް ނަމަވެސް ޕޮލިސް ޕޯސްޓްގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އޮތުމަކީ ރަށުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން، ވީހާވެސް އަވަހަކަށް މި މަސައްކަތް ފަށައިދިނުމަށް ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.