ރައީސް ޑރ މުޙައްމަދު މުއިއްޒު ލަންކާއަށް ކުރެއްވި
ދަތުރުފުޅާ ގުޅިގެން ލަންކާގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް
އަމާޒުކޮށް ބިރު ދައްކާފައިވާކަމަށް އެ ފަރާތްތަކުން ބުނެފައިވާއިރު، އެ މައްސަލަ
ސަރުކާރުން ބަލާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)
ވިދާޅުވެއްޖެއެވެ.

މުންދު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު އޮތް
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މުންދު ވިދާޅުވީ،
އެ މައްސަލަ ބެލުމަށް ހައިކޮމިޝަނަށްވެސް އަންގާފައިވާނެ ކަމަށާއި، އެ ޙާދިސާގެ
މައުލޫމާތު ލިބިލެއްވި ހިސާބުން އެގޮތަށް ދަންނަވާފައިވާނެ ކަމަށެވެ.

އެބަ ބަލަން، ޔެސް އެބަ ބަލަން، އަޅުގަނޑުމެން ހައިކޮމިޝަންގައިވެސް ދަންނަވައިފިން އެކަން ބަލަން، އެއީ އެރޭ އެ ޙަފްލާ ހިނގަމުން ދިޔައިރު އެ ޙާދިސާގެ މައުލޫމާތު ހަމަގައިމުވެސް އަޅުގަނޑަށް ލިބެންފެށީ، ވަގުތުން އެތަނުގައި ހައިކޮމިޝަނަރު ހުންނެވި، އެމަނިކުފާނަށް އަޅުގަނޑު ދެންނެވިން މިއީ ކިހިނެއް ހިނގާ ކަމެއްތޯއޭ، ވިދާޅުވި ހަމަ ކަނޑައެޅިގެން ދޮގެކޭ. ތިބޭފުޅުންނަށް އެނގިލައްވާނެ އެބޭފުޅާއަށް ގުޅުއްވާލައްވަން، ގުޅުއްވީމަ ޖަވާބުދާރީވާނެކަމަށް އަޅުގަނޑުމެން މި ބަލަނީ
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ، ސަރުކާރުން ނުވަތަ ރައީސް އަންގަވައިގެން
ވަކި ބަޔަކު ރައީސްގެ ބައްދަލުވުމަށް އައުމަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް
ކޮށްފައިނުވާނެކަމަށެވެ.

ރާއްޖެޓީވީން ފޮރިން މިނިސްޓްރީއާ އެކަމާ
ގުޅޭގޮތުން އޭރު ސުވާލު ކުރުމުން' ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ
މައުލޫމާތެއް ލިބިލައްވާފައި ނެތް ކަމަށެވެ. އަދި އެކަން ޗެކް ކޮށްލައްވާނެކަމަށް
އޭނާ ވިދާޅުވިއެވެ.
ނަމަވެސް ފަހުން އެކަމުގެ އަޕްޑޭޓެއް މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެއެވެ.