ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް އެ ތަނުގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެދުނު ނަމަވެސް ވޯޓު ފޮއްޓެއް ނުބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
5 މެއި 2026 ގައި އިލެކްޝަން ކޮމިޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ 6 ޖޫން 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ހަވާލާދީ އިއުލާން ކޮށްފައިވާއިރު، ހުޅުމާލެ-ފޭސް 1 އަދި 2 ގައި އެއްވެސް ފޮއްޓެއް ބެހެއްޓުމަށް އިއުލާންގައި ނެތް ކަމަށެވެ.
ނަމަވެސް 4 އޭޕްރީލް 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މި 300 މީހުން އަލުން ރީ ރަޖިސްޓްރީ ކުރުން ވާނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އެހެންކަމުން އެ ޕާޓީގެ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނަ ގޮތަށް ބައި އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާ ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
ނަމަވެސް އީސީން ބުނީ، ބައި-އިލެކްޝަނާ ގުޅިގެން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ކަނޑައަޅާ މަރުކަޒުގެ އިތުރުން އެހެން އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ، މާލެ ސަރަހައްދުގެ އަވަށްތަކަށް ވޯޓުލީ އެއްވެސް ފަރާތަކުން އަލުން ރީ-ރެޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި 7 ވޯޓު ފޮއްޓެއް ބައްހައްޓަ އެވެ. އެއީ އައްޑޫ ސިޓީގައި 5 ވޯޓު ފޮއްޓާއި، މާލޭގައި ބަހައްޓާ ދެ ވޯޓު ފޮއްޓެވެ.