އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ދެކޮޅު ހައްދަވައިފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް މުއިއްޒު "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ބާޔަނެއް ދެއްވިތޯ ސުވާލު ކޮށްފަ އެވެ. ނަމަވެސް މުންދު ވަނީ ރައީސް މުއިއްޒު އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިޔާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު އިންކާރު ކުރެއްވުމަކީ އަދި ފުލުހުންގެ ތަހުގީގަށް ބަޔާނެއް ދެއްވުމެއް ނޫންކަން ފާހަގަކޮށްފަ އެވެ.
ހިނގަމުންދާ ތަހުގީގާ ގުޅިގެން އަޅުގަނޑަށް ދެންނެވޭ ވަރަށް މިހާރު މިދެންނެވީ. ސަރުކާރަކުން ހިނގަމުންދާ ތަހުގީގަކާ ގުޅޭގޮތުން މަނިކުފާނު އަޅުގަނޑު އިތުރު އެއްޗެއް ނުދަންނަވާނަން.ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)
މުންދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، މި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ސުވާލު ކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ޖިނާއީ ތަހުގީގަށް މިމަހުގެ 5 ވީ އަންގާރަ ދުވަހުގެ ރޭ އަދި 6 ވީ ބުދަ ދުވަހު ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ އައިޝަތު އީޝާ އަޝްރަފު ފުލުހަށް ހާޒިރު ކޮށްފައިވެ އެވެ. އަދި ދިފާއުވާން އަދި ކަން ހިނގި ގޮތް ކިޔައިދޭން ފުރުސަތު ނުދީ އީޝާގެ ތަހުގީގު ނިންމާލާފައިވާ ކަމަށް އޭނާ ގެ ގާނޫނީ ޓީމުން ވިދާޅުވެފައިވެ އެވެ.